އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑްގެ ބޫސްޓާ ޑޯޒް ޖެހޭ ވަރަށް ވެކްސިން މިއަދު ގެނެސްފި އެވެ.

ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒުގެ ވެކްސިން މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެ ވެކްސިންގެ ސަބަބުން ކޮވިޑު-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށާއި ބޫސްޓާ ޑޯޒު ޖެހުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނުގައި ބުނިގޮތުގައި ކޮވިޑާ ދެކޮޅަށް މަސައްކަތްކުރުމަށް އެ ގައުމުން ހަތް މިލިއަން ޑޮލަރުގެ އިމަޖެންސީ ސިއްހީ ސާމާނާއި އެކި ޓްރެއިނިން ދީފައިވެ އެވެ. އޭގެ އިތުރުން، ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ 60 ވެންޓިލޭޓަރު ހަދިޔާކޮށްފައިވާކަން އެ އެމްބަސީން ވެސް ފާހަގަކުރި އެވެ. އޭގެ އިތުރުން ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމަށް އެހީތެރިކަން ދެމުން އަންނަ ކަމަށް ވެސް އެމެރިކާއިން ބުންޏެވެ.

ކޮވިޑުގެ ހައި-ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މިހާރު އަންނަނީ ބޫސްޓާ ޑޯޒް ދެމުންނެވެ. މިހާތަނަށް 22،093 އަށްވުރެ ގިނަ މީހުން ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.

ކޮވިޑް ވެކްސިންގެ އިތުރު ޑޯޒް ލިބުމުން ބޫސްޓާ ޑޯޒް ޖެހުމަށް އާއްމުކޮށް ހުޅުވާލާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ކުރިން ބުންޏެވެ. އަދި އެކަމަށް އެ އެޖެންސީން އަންނަނީ ތައްޔާރުވަމުންނެވެ.

ރަށްރަށުގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ދޭނެ ކަންކަން ހަމަޖައްސާނީ އެ ރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުންނެވެ. އެ ތަންތަނަށް ބޭނުންވާ ވެކްސިން ވަނީ ފޮނުވައިފަ އެވެ. ބޫސްޓާ ޑޯޒު ޖެހޭނީ ދެ ވަނަ ޑޯޒަށްފަހު ހަ މަސް ދުވަސްވެފައިވާ މީހުންނަށެވެ. ރާއްޖޭގައި މިހާތަނަށް 396،353 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ 366،165 މީހުންނެވެ.