ފިއުސް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން 21 އަހަރަށްފަހު އެ ކުންފުނީގެ ލޯގޯ އާއި ކުލަ ކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނި ރީބްރޭންޑް ކުރުމުގެ ހަފްލާގައި ވަނީ އެފްއެސްއެމްއިން ބޭނުންކުރި 21 އަހަރުވީ ލޯގޯ ބަދަލުކޮށްފަ އެވެ. އަދި އެ ކުންފުނީގެ އާ ލޯގޯ ޑިޒައިން ކޮށްފައި ވަނީ ޕަބްލިކް ސިޓީ ބިއުރޯ ޓީމުންނެވެ.

އެފްއެސްއެމްގެ އާ ލޯގޯގެ ބައްޓަމުން ރަމްޒުކޮށްދެނީ ހައިޑްރޯ ކާބަންގެ ކެމިކަލް ކޮންޕައުންޑްގެ ބައްޓަމެވެ. ލޯގޯއިން ފެންނަ ނޫކުލައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖޭގެ މާކަނޑުތަކެވެ. އޮރެންޖް ކުލައިން ރަމްޒްކޮށްދެނީ ތެލުގެ ބާވަތްތަކެވެ. އަދި ހުދު ރޮނގުތަކުން ރަމްޒުކޮށްދެނީ މާސިންގާ ކަނޑުގައި ވިއްސާރައަކަށް އަތްވަކަށް ބެލުމެއްނެތި ރެއާއި ދުވާލު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އެފްއެސްއެމްއިން ކުރާ މަސައްކަތެވެ. މި ލޯގޯއާއިއެކު އެ ކުންފުނީގެ ޝިއާރުވެސް ވަނީ "ފިއުލިން ދަ ނޭޝަން" ނުވަތަ "މުޅި ދީބަށް ހަކަތަ" އަށް ބަދަލުކޮށްފަ އެވެ.

އެފްއެސްއެމްގެ އާ ލޯގޯ. ފޮޓޯ: އެފްއެސްއެމް

އެޕްއެސްއެމް ރީބްރޭންޑް ކޮށްދެއްވީ މިކަމަށްޓަކައި އިއްޔެ ބޭއްވި ޚާއްސަ ހަފްލާއެއްގައި ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

އެފްއެސްއެމްއަކީ އެސްޓީއޯ އާއި ވަރަ މޯލްޑިވްސް ހިއްސާވެގެން 2000 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނީގައި މިހާރު ވަރަ މޯލްޑިވްސްގެ ހިއްސާއެއް ނޯވެ އެވެ. އެ ކުންފުނިން އަންނަނީ މީހުން ދިރިއުޅޭ 97 އިންސައްތަ ރަށަށް ތެޔޮ ފޯރުކޮށްދެމުންނެވެ.

އެފްއެސްއެމް ރީބްރޭންޑް ކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވަނީ އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި ކާމިޔާބީތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި 69 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ ކޮވިޑާއެކު ކުންފުންޏަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެހާލަތުގައި ވެސް ތެޔޮ ބޭނުންވާ އެއްވެސް ފަރާތަކަށް ތެލަށް ނުޖެހި ބަރާބަރަށް ތެޔޮ ފޯރުކޮށްދެވުނުކަމީ އުފާކުރާކަމެއް ކަމަށެވެ.

"2019 ވަނަ އަހަރު ވެގެންދިޔައީ ކުންފުނީގެ ހަޔާތުގައިވެސް އެންމެ ގިނައިން ތެޔޮ ވިއްކައި ރެކޯޑް އަދަދެއްގެ ތެޔޮ ލިބުނު އަހަރެއްކަމުގައި. އެހެންނަމަވެސް 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި ކޯވިޑްގެ ބަލިމަޑުކަމާއިއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުވެ، ރިސޯޓްތަކުގެ ވިޔަފާރި ހުއްޓިފައި އޮތުމުގެ ސަބަބުން އެކަށީގެންވާ ވިޔަފާރިއެއް ނުކުރެވުނު،" އޭނާ ވިދާޅުވި އެވެ. "އެހެންނަމަވެސް އެހާލަތުގައިވެސް ކުންފުނީގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް ގެއްލުމަކާއި ނުލައި އަހަރު ނިންމާލެވުނު ކަމީ އެކަމަށްޓަކައި އުފާކުރާކަމެއް. މިއަހަރު ނިމިގެންދާނީ އެސްޓީއޯއިން އަޅުގަނޑުމެންނަށް ކަނޑައަޅާފައިވާ ޓާގެޓަށް ރީޗްވެ އަހަރު ނިމޭއިރު ރަނގަޅު ހިނިތުންވުމަކާއިއެކު ނިންމާލެވޭ އަހަރެއްކަމަށް."