"ތިބޭފުޅުން" އަރަބިއްޔާ ސޭވްކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެ ސޭވް އަރަބިއްޔާގެ ނަމުގައި އެ ސްކޫލްގެ ބެލެނިވެރިން ހިންގާ އިޖްތިޖާޖާމެދު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ނުރުހުން ފާޅުކުރައްވައިފި އެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން މިއަދު ހަވީރު ކުރަމުންދިޔަ އިހްތިޖާޖާ ގުޅިގެން މިނިސްޓަރވަނީ އެސްކޫލްގެ ބެލެނިވެރިންގެ ޖަމްއިއްޔާއާ މިއަދު ހަވީރު ބައްދަލުކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަނާ އަރަބިއްޔާ ސްކޫލް އުވާލަން މަސައްކަތް ނުކުރައްވާ ކަަމަށާއި އެގޮތަށް ބެލެނިވެރިން ދެކޭތީ ދެރަވާ ކަމަށެވެ.

"އަސްލު އަޅުގަނޑު ބުނެލަން ބޭނުންވެ ސޭވް އަރަބިއްޔާ މި ބޭފުޅުން ވިދާޅުވާތީވެ، އަޅުގަނޑުމެން އެއްވެސް ހާލެއްގައި އަރަބިއްޔާއަށް ގޮތެއް ހަދާކަށް ނޫޅެން. މި ތަން ރާއްޖޭން ނައްތާލާކަށް ނޫޅޭން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލްގެ ބެލެނިވެރިން އެ ސްކޫލް "ސޭވް" ކުރަން ނުޖެހޭނެ ކަމަށާއި ޕީޓީއޭއެކު މިނިސްޓްރީގެ ޕްލޭން މިއަދު ވާނީ ހިއްސާކުރައްވާފައި ކަމަށެވެ. އެހެންވެ، ސޭވް އަރަބިއްޔާ އެއީ ގަބޫލުކުރާ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނޫޅެން އަރަބިއްޔާ ނައްތާލާކަށް. އިޓްސް އޯލްރެޑީ ސޭފް ވިތު އަސް، އަޅުގަނޑު ދަންނަވާލާނީ،" ބެލެނިވެރިއަކު ދެއްވި ސޭވް އަރަބިއްޔާ ޓީޝާޓް އަތަށް ނަންގަވައިގެން ހުންނަވައި އެހެން ވިދާޅުވުމަށްފަހު މިނިސްޓަރު ވަނީ އެ ޓީޝާޓް ބެލެނިވެރިންނަށް ދެއްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އަދި އޮތް ނިންމުމަކީ ޢިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރުން ކަމަށާއި އަރަބިއްޔާ ސްކޫލަށް ހާއްސަ ބިމެއް ހުޅުމާލެއިން ދިނުމަށް މިހާރު ވާނީ ހަމަޖައްސަވާފައި ކަމަށެވެ.

އެހެންނަމަވެސް ބެލެނިވެރިން ބުނެފައިވަނީ ކުރިން ވެސް ވަރަށް ހިތި ތަޖުރިބާއެއް ކޮށްފައިވާ ކަމަށާއި މިފަހަރު ތިބީ ދޫދޭ ގޮތަކަށް ނޫން ކަމަށެވެ. އެ ބައްދަލުވުމުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރި ނަމަވެސް، އެ ކަމުގައި ހައްލެއް ނުލިބޭ ކަމަށް ބެލެނިވެރިން ބުންޏެވެ.

"މިނިސްޓަރު ވިދާޅުވީ، ތިމަންނަމެން މި ދައްކާ ޕްލޭން ބަލާށޭ. އަޅުގަނޑުމެން ދެންނެވިން ތި ޕްލޭނަށް ނެތޭ އާނއެކޭ ބުނޭވޭކަަށް،" ބެލެނިވެރިއަކު ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި ބެލެނިވެރިންވަނީ އިއްޒުއްދީން ސްކޫލް އަރަބިއްޔާ އަށް ހާއްސަ ކުރުމަށް ހުށައަޅާފަ އެވެ. ނަމަވެސް އެގޮތަކަށް މިނިސްޓްރީން އެއްބަސްވެފައެއް ނުވެ އެވެ. މިނިސްޓަރު ވިދާޅުވީ މިއަދު އެއްވެސް ނިންމުމެއް ނުނިންމާ ކަމަށާއި މިއަދު އޮތީ ބެލެނިވެރިންގެ ވާހަކަތައް އަޑުއެހުން ކަމަށެވެ.