ތޫފާން ރާއިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ހާލުގައި ޖެހިފައި ތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރައި"ގެ ސަބަބުން އެ ގައުމުގެ ސޭބޫ ސިޓީގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުއާސަލާތީ އަދި އެހެނިހެން އަސާސީ ހިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދަރިވަރުން، އަސާސީ ހިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށްޓަކައި، އެންސްޕާ އާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ ރައީސް ސޯލިހު ކަމަށެވެ.

ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް އިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ހިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމުގެ މައުލޫމާތު ފިލިޕީންސްގެ އެމްބަސީން ދެއްވާފައިވާތީ، މި އެހީ ދިނުމަށް ސަރުކާރުން ނިންމަވާފައި ވަނީ އެއް މަސްދުވަހުގެ މުއްދަތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މިގޮތަށް ނިންމެވުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި މިނިސްޓްރީން ކަމާ ގުޅުން ހުރި އިދާރާތަކާއެކު ކުރަމުންގެންދާ ވާހަކަ ފޮރިން މިނިސްޓްރީން ބުނެ އެވެ.

ފިލިޕިންސްގައި ތިބި ދިވެހި ދަރިވަރުންނަށް ކާނާ އާއި ބޯފެނާއި އަސާސީ އެއްވެސް ވަސީލަތެއް ނުލިބޭތީ އެ ކުދިންގެ އާއިލާއިން ފޮރިން މިނިސްޓްރީގެ އެހީތެރިކަމަށް ތަކުރާރު އެދިފައިވެ އެވެ. ނަމަވެސް އެއްވެސް އެހީތެރިކަމެއް މިހާތަނަށް ނުލިބޭތީ އެ ގައުމުގައި ތިބި އެހީދޭ ޖަމާއަތްތައް މެދުވެރިކޮށް އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް އެ އާއިލާތަކުން ބުންޏެވެ.