އެންވަޔަރުމަންޓް މިނިސްޓްރީގެ ކޮންސަލްޓެންޓަކަށް 8،000 ޕައުންޑު (160،000ރ) ގެ މުސާރައެއް ދޭކަން ހާމަވެއްޖެ އެވެ.

އައިމަން ލަތީފް ކިޔާ މީހަކު މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދި އެ މިނިސްޓްރީގެ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން މަހަކު 8،000 ޕައުންޑް ދޭން ކަނޑައަޅާފައި ވަނީ މޯލްޑިވްސް ކްލީން އެނާޖީ ޕްރޮޖެކްޓްގެ އޮޕަރޭޝަން ސްޕެޝަލިސްޓަށް ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ކޮންސަލްޓެންޓަކަށެވެ.

އެ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުން ދިން 17 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ދިވެހިސަރުކާރުގެ ބަޖެޓުން ވެސް ހޭދަކުރެ އެވެ.

އެންވަޔަރުމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު "ހުރިހާ" އަށް ވިދާޅުވީ ކޮންސަލްޓެންޓުންގެ މުސާރައިގެ އޮނިގަނޑުގައި 8،000 ޕައުންޑުގެ މުސާރަ ދޭން ކަނޑައަޅާފައި އޮވެދާނެ ކަމަށެވެ.

"ބޭރުގެ ފަންޑު ހޯދައިގެން ހިންގާ ޕްރޮޖެކްޓްތަކުގައި ފަންޑުކުރާ އެޖެންސީތަކުން މީހުން ހޮވުމާއި އެ މީހުންގެ މުސާރަތައް ކަނޑައަޅާނީ. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވި މިފަހަރު ވެސް ކޮވިޑާ ގުޅިގެން އެ މީހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެންވަރުމަންޓް މިނިސްޓްރީގެ ކޮންސަލްޓެންޓުންގެ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން ތަފާތު ތިން ޕްރޮޖެކްޓެއްގައި ހަ ލޯކަލް ކޮންސަލްޓެންޓުންނާއި ހަތް އިންޓަނޭޝަނަލް ކޮންސަލްޓެންޓުން މަސައްކަތް ކުރެ އެވެ. މީގެ ތެރެއިން ބައެއް މީހުންނަށް މަހު މުސާރައިގެ ގޮތުގައި 35،000ރ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 91 ޑޮލަރުން ފެށިގެން 500 ޑޮލަރު ލިބޭ ކޮންސަލްޓެންޓުން ވެސް މަސައްކަތްކުރާ ކަމަށް އެ އޮނިގަނޑުގައިވެ އެވެ.