ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފިލްމީ ތަރި މުހައްމަދު ޔުނާންއާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާއަށް ގިނަ ދައުވާތަކެއް އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ޔުނާންއާ ރިހުލާގެ މައްޗަށް ގިނަ ދައުވާތަކެއްކޮށް ހުޅުމާލޭ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ޔުނާންގެ މައްޗަށް އުފުލާފައި ވަނީ ނުވަ ދައުވާ އެކެވެ. ރިހުލާގެ މައްޗަށް އުފުލީ ފަސް ދައުވާ އެވެ.

ޔުނާން އަށް ކޮށްފައިވާ ދައުވާތައް

1. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ދައުވާ.

2. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާ.

3. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ.

4. އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ.

5. އޮރިޔާންކާޑު ގެންގުޅުމުގެ ދެ ދައުވާ

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ޔުނާންއަށް މަދުވެގެން ޖުމްލަ 110 އަހަރުގެ ޖަލު ހުކުމެއް އަދި ގިނަވެގެން ޖުމްލަ 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރިހުލާއަށް ކޮށްފައިވާ ދައުވާތައް

1. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ.

2. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ.

3. އޮރިޔާންކާޑު ގެންގުޅުމުގެ ދެ ދައުވާ.

ރިހުލާއަށް ކުރި ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން އޭނާއަށް ޖުމްލަ 50 އަހަރު އަދި ގިނަވެގެން ޖުމްލަ 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.