ކައުންސިލުތަކުގެ އާމްދަނީއާއި ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ބަދަލުތައް ގެންނަމުންދާއިރު، ކައުންސިލުތަކުން ދިގުމެދިގެންދާ އިހުތިޖާޖަކަށް ނުނިކުތްނަމަ ލާމަރުކަޒީ ނިޒާމު އެކީ ގެއްލިގެން ހިނގައިދާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ފަހުން، ސަރުކާރުން ވިސްނާނުލައި ކައުންސިލްތަކުގެ ބާރުތަކާއި އާމްދަނީ އަދި ބިންތައް އަތުލަން ގާނޫނަށް އިސްލާހުތައް ގެންނަމުންދާ ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ކައުންސިލްތަކުން ކުރާ އިހުތިޖާޖުތަކުގައި އާންމު ރައްޔިތުންވެސް ބައިވެރިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ބުނާ ގޮތުގައި، ކައުންސިލްތަކުގެ އިހުތިސާސްގައި ހުރި ބިންތައް ސަރުކާރަށް ނެގޭ އިޖުރާއަތުތައް ފަސޭހަކުރަނީ، ރަށްރަށުގެ ތަރައްގީއަށް ކައުންސިލުތަކުން ހުރަސްއަޅަމުންދާތީ އެވެ. ނަމަވެސް، ކައުންސިލުތަކާއި، އިދިކޮޅު ފަރާތްތަކާއި އަދި މަދަނީ ޖަމިއްޔާތަކުން ވަނީ އެ ވާހަކަތައް ދޮގުކޮށް، އެ ބަދަލުތައް ނުގެންނަން ގޮވާލައި ގިނަ އަދަދެއްގެ ސޮޔާއެކު ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.
އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއް ނެތި، އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހެޅި އިސްލާހުތައް ބަލައިގަތުމެއް ނެތި، ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ކައުންސިލުތަކުގެ ބާރު ހަނިވާގޮތަށް ބިލު އިއްޔެ ފާސްކޮށްފަ އެވެ.
މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގުކުރެއްވުމުންނެވެ.
އެމެރިކާގެ މުހިންމު އިދާރާތަކަށް ޗައިނާގެ ހެކަރުންގެ ހަމަލާތަކެއް
ބާޒާރުން ކުކުޅު ބިސް ހުސްވެއްޖެ