ފަހި ދިރިއިޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ 4،000 ފްލެޓްގެ އެޑްވާސް ފައިސާ ދައްކައިފި އެވެ.

ނަމަވެސް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި އަދަދެއްގެ މި މަޝްރޫއުގެ ޖުމްލަ އަގެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

އެފްޑީސީން ހަމައެކަނި ބުނީ އެ ކުންފުންޏާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެންބީސީސީއާ ހަވާލުކޮށްގެން ހަދާ 2،000 ހައުސިން ޔުނިޓް އެޑްވާންސް ޕޭމަންޓް މިމަހުގެ 15 ވަނަ ދުވަހު ދައްކާފައިވާ ކަމަށެވެ. އަދި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން ހަދާ 2،000 ހައުސިން ޔުނިޓްގެ އެޑްވާންސް ފައިސާ މިމަހު 9 ވަނަ ދުވަހު ދައްކާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެފްޑީސީން ބުނީ އެފްޑީސީ- އެންބީސީސީ އަދި އެފްޑީސީ-ޖޭއެމްސީ މަޝްރޫއުގެ ދަށުން ޖުމްލަކޮށް 4،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ނިންމާފައިވާއިރު މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1،400 ޔުނިޓް އަދި 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 ޔުނިޓް ހިމެނޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ހިންގާ މިމަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓް ފްލޯގައި ހިމެނޭނީ އެ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕަކިން ކަމަށެވެ.

އެފްޑީސީން ބުނީ އެއިން ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރާއިރު ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، 3 ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތްކުރެވޭނެ ކަމަށެވެ. އަދި މިއިން ކޮންމެ ޓަވަރެއް ޑިޒައިންކޮށްފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭ ގޮތަށް، ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހިމަނައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެފްޑީސީން ބުނީ މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި 8 ރެޒިޑެންޝިއަލް ޔުނިޓް ހުންނާނެ ކަމަށެވެ. އަދި އެފްޑީސީއިން މިހާރު ދަނީ އެ ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރުވަމުން ކަމަށް ވެސް ބުންޏެވެ.