ދަރުމަވަންތަ ސްކޫލުގެ ގޯތިން ބައެއްގައި 240 ސައިކަލަށާއި 15 ކާރަށް ޕާކުކުރެވޭނެ ތަނެއް ހަދަން މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު "ހުރިހާ"އަށް ވިދާޅުވީ އަލަށް ޕާކިން ޒޯނުގައި ޕާކުކުރާ ވެހިކަލްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. އަދި އެ ޕާކިން ޒޯނު ހަދަނީ މާލެ ތެރޭގައި ބަސް ދުއްވަން މަގުތަކުން ޖާގަ ހުސްކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހަދާ ޕާކިން ޒޯނުން ފީއެއް ނަގާ ގޮތަށް ނޫން އަދި އޮތީ. އަޅުގަނޑުމެން މި ޕާކިން ޒޯނު ހެދީ ބަސް ދުއްވަން މާލޭގެ މަގުތަކުން ޖާގަ ހަދަން،" ޝިފާ ވިދާޅުވި އެވެ.

ހޮޓެލް ޖެން އާ ޖެހިގެން އޮންނަ ޕާކިން ޒޯނު ހެދުމަށް މިހާރު ވަނީ ފަސްގަނޑު އެއްވަރުކޮށް ގާ އެތުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފަ އެވެ. އަދި އެ މަސައްކަތް މިމަހުގެ 11ގެ ނިންމުމަށް މަސައްކަތް ކުރަމުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ދަރުމަވަންތަ ސްކޫލުގެ ގޯތިން ބައެއްގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތްކުރަނީ. ފޮޓޯ| ހުރިހާ

އެ ކައުންސިލުން ބުނީ މާލޭގެ މަގުތައް ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއު ނިމޭއިރު 121 މަގުގެ 30 ޕަސެންޓްގައި ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. މިގޮތުން އެތަންތަނުގައި 3،700 ސައިކަލާއި 350 ކާރު ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. މީގެ އިތުރުން ޕިކަޕް ލޮރީ ފަދަ 100 އުޅަނދަށް ޕާކްކުރެވޭނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.