ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ރޫޓު ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަހަރު ވެސް ހައްޔަރުކުރީ އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ތިން މީހަކު ކަމަށެވެ.

ހައްޔަރުކުރީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މީހުން ކޯޓަށް ގެންދިޔުމުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.

އެ މައްސަލާގައި މީގެކުރިން ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ ވަނަވަރުވެސް ވަނީ ހާމަކޮށްފަ އެވެ.

އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.