އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވާން ސައީދަށް އެއް ގަޑިއިރުގެ ވަގުތު ދޭން މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ އިޖުރާއީ ކަންކަން ނިންމާ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި އިސްލާހާއެކު، މިނިސްޓަރަށް ޖަވާބުދާރީވުމަށް އެއް ގަޑިއިރު ދިނުމުގެ އިތުރުން، އެ މައްސަލައިގެ ބަހުސަށް މެންބަރުންނަށް ވެސް އެއް ގަޑިއިރު ދިނުމަށް ވަނީ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފަ އެވެ. މަޖިލީހުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ބަހުސްގެ ވަގުތު ބެހިގެންދާނީ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިއްބެވި ނިސްބަތަށާއި މިނިވަން މެންބަރުންނަށް ވަކި ވަގުތެއް ކަނޑައެޅިގެންނެވެ.
އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ، ގާނޫނީ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި، މިނިސްޓަރުން ކުރުން މަނާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށެވެ. ހާއްސަކޮށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އަމާނާތްތެރި ނުވުމުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވެފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
އޭގެ އިތުރުން ބަންކަރިން ހިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުމާއި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭއާއި، ޑިވެލޮޕްމެންޓް ބޭންކް އަދި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ފަދަ ބޮޑެތި މަޝްރޫއުތައް ހުއްޓިފައިވާކަން ގަރާރުގައި ބުނެފައިވެ އެވެ. އަދި މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވައި ސިޔާސީ ވާހަކަދައްކަވައިގެން ރެކެން މަސައްކަތް ކުރެއްވުމާއި، ސަރުކާރު ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ބިކަކޮށްފައިވާތީ ސައީދުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައި މަގާމުން ވަކިކުރުމަށް ވަނީ ހުށަހަޅާފަ އެވެ.
ޔޫއޭއީގެ މައި ދާއިރާތަކަށް އަމާޒުކޮށް ވަރުގަދަ ސައިބާ ހަމަލާއެއް
ސްކޭމްތަކުގައި 35 މިލިއަން ގެއްލުނުއިރު، ހޯދުނީ 13 މިލިއަން
ނޫސްވެރިޔާ ސާއިދުގެ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާ ދެނީ