ކޮޓަރީގެ ކުލަ ބަދަލުކުރަން އެބަ ވިސްނަންހެއްޔެވެ؟ ނުވަތަ ލާފައިހުރި ކުލައިގެ ސަބަބުން ގަޔާނުވާ އަސަރުތަކެއް ދިރިއުޅުމަށް ކޮށްފާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟ ކޮޓަރިއަށް ވަނުމުން ރުޅިގަދަވެ، ހާސްވާ ކަހަލަ އުނދަގޫތަކެއްވާ ނަމަ ވިސްނާލާށެވެ. ފަހަރެއްގައި ވަރަށް ކުޑަ ކަމަކުން ތި މައްސަލަ ހައްލުކުރެވިދާނެ އެވެ.

އަހަރެމެންގެ ވަށައިގެން މިވާ ކުލަތަކަކީ އަހަރެމެންގެ ވިސްނުމަށާއި، މޫޑަށާއި އިހްސާސްތަކަށް އަސަރު ކުރުވާ ނުވަތަ ބާރުފޯރުވާ އެއްޗެކެވެ. ކޮންމެ ކުލައަކީ ވެސް ތަފާތު އިހްސާސްތަކެއް، ތަފާތު މޫޑެއް އަދި ތަފާތުގޮތަކަށް އެމީހަކު ހިތްހަމަޖައްސައިދޭނެ ކުލައެކެވެ. މި ބުނި ތިން ކަންތައް އެކި ކުލަތަކުން އެކި މީހުންނަށް އިހްސާސްކުރެވޭނީ އެކި މިންވަރަށެވެ.

ރަތްކުލަ

ރަތްކުލައަކީ ކޮޓަރީގެ އެނާޖީ ލެވެލް އިތުރުކޮށްދޭނެ ކުލަ އެކެވެ. އެންމެ "ވަރުގަދަ" ކުލަ ކަމަށް ގިނަބަޔަކު ސިފަކުރާ ރަތްކުލައަކީ މީހުންގެ ގުޅުން ބަދަހިކޮށްދީ ހިތް ދަމައިގަންނާނެ ކުލަ އެކެވެ. އެހެންކަމުން، ކާ މޭޒު ހުންނަ ހިސާބު ނުވަތަ ސިޓިންގް ރޫމްގައި ރަތްކުލަ ލުމަކީ ލުމަކީ ބުއްދިވެރިކަމެކެވެ. މީގެ އިތުރުން ވެސް، ރަތްކުލައިން ލޭ ހިނގުން އަވަސްކޮށްދީ ނޭވާލާ ނިޒާމާއި ހިތުގެ ހިނގުން ވެސް އަވަސްކޮށްދެ އެވެ.

ރީނދޫކުލަ

ރީނދޫކުލައަކީ އިރުގެ ދޯދި ރަމްޒުކޮށްދޭ އަދި އުފާވެރިކަން ރަމްޒުކޮށްދޭ ކުލައެކެވެ. ބަދިގެ، ފާހާނާ އަދި ކާ މޭޒު ހުންނަ ހިސާބުގައި ބޭނުންކޮށްލަން މިއީ ހިތްގައިމު ކުލަ އެކެވެ. ކުޑަ ޖާގައެއްގައި ރީނދޫ ކުލަ ބޭނުންކުރުމުން ޖާގަ ބޮޑުހެން ހީވެ އުފާވެރިކަން ރަމްޒުކޮށްދެ އެވެ. ނަމަވެސް ގޭގެ މައިގަނޑުކުލަތަކުގެ ތެރޭގައި ރީނދޫކުލަ ހިމެނުމަކީ އެހާ ބުއްދިވެރި ޚިޔާލެއްނޫނެވެ. ދިރާސާތައް ދައްކާގޮތުން ރީނދޫ ކުލައިގެ ސަބަބުން ރުޅި ކޮންޓްރޯލުން ނެއްޓެން މަގުފަހިވެ އެވެ.

ނޫ ކުލަ

މާ ބުރަކޮށް މަސައްކަތުގައި އުޅޭ މީހެއް ނަމަ ގޭގެ އިންޓީރިއަ ފަރުމާކުރަން އެންމެ އެކަށީގެންވާ ކުލައަކީ ނޫކުލަ އެވެ. މިއީ ބްލަޑް ޕްރެޝަރ، ނޭވާލާ ނިޒާމް އަދި ހިތުގެ ހިނގުން ލަސްކޮށްދޭ ކުލަ އެކެވެ. އެހެންކަމުން މިއީ މީހާ ހިތްހަމަޖައްސުވައިދީ މަޑުމައިތިރި އަދި ހަމަޖެހުން ގެނުވައި ކުލައެއް ކަމަށް ބެލެވެ އެވެ. ފަހަރެއްގައި ކަރުދާހުގައި ފެންނަ މަޑުނޫކުލަ ފާރުގައި އެހާ ރީތި ނުވިޔަސް، ފަޑު އަލިކަމެއް ލިބޭ ކޮޓަރިއަކަށް ގަދަ ނޫކުލައިގެ ފަރުނީޗަރާއި ފެބްރިކްސްގެ އެހީގައި ރީތި ގޮތެއް ގެނެވިދާނެ އެވެ.

ފެހި ކުލަ

ފެހިކުލައަކީ ހުރިހާ ކުލަތަކުގެ ތެރެއިން ވެސް ލޮލަށް އެންމެ އަރާމުކަން އިހްސާސްކޮށްދޭނޭ ކުލަ އެވެ. ނޫކުލައިގައި ހިމެނޭ ތާޒާކަމާއި ރީނދޫކުލައިގައި ހުންނަ އުފާވެރިކަން އެއްވެގެން އުފެދިފައިވާ މި ކުލައަކީ ގޭގެ ކޮންމެ ދިމާއަކަށް ވެސް އެންމެ ކަމުދާނޭ އެއް ކުލަ އެވެ.މިކުލައިގެ އެހީގައި މީހާގެ ސްޓްރެސް ފިލުވައިދީ، ހަމަޖެހުން ގެނެސްދޭން މަގުފަހިކޮށްދޭއިރު، މިއީ ދަރިމައިވުމަށް އެހީއެއްކަމަށް ވެސް ވެ އެވެ. އެހެންކަމުން ނިދާކޮޓަރިއަށް މިއީ ރަނގަޅު ކުލައަކަށް ވާނެ އެވެ.

ދަނބު ކުލަ

ދަނބުކުލައިގެ އެންމެ ގަދަ ޝޭޑްތައް ކަމަށްވާ ބަށީގެ ކުލަ ފަދަ ކުލަތަކަކީ ރިޗް، ޑްރެމެޓިކް އަދި ސޮފިސްޓީކޭޓެޑް ކުލަތަކެވެ. މި ކުލަތައް ބޮޑަށް ގުޅިފައިވަނީ އުފެއްދުންތެރިކަމާއި މަތީ ފަންތީގެ ދިރިއުޅުމަކާއެވެ. މަޑު ދަނބުކުލަތައް ކަމަށްވާ، ލައިލެކް ނުވަތަ ލެވެންޑާ ކުލަތަކުން އަރާމުގޮތެއް ކޮޓަރިއަށް ގެނެސްދެ އެވެ.