ބޮލުގައި ރިހުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ އާންމު ސިއްހީ މައްސަލައެކެވެ. ނަމަވެސް، ގިނަ ފަހަރަށް އާދައިގެ ބޮލުގައި ރިހުމަކާއި "މައިގްރޭން" އަކީ ކޮބައިކަން ދެނެގަންނަން ގިނަ ބަޔަކަށް އުނދަގޫ ވެއެވެ.
މިއީ މުޅިން ތަފާތު ދެ ކަމަކަށް ވާއިރު، އެކަންކަމަށް ދޭންޖެހޭ ފަރުވާވެސް ތަފާތެވެ. ސިއްހީ މާހިރުންނާއި ޑޮކްޓަރުން ވަނީ މި ދެ ބަލީގެ ތަފާތާއި، ސަމާލުވާންޖެހޭ އިންޒާރުގެ ނިޝާންތައް ކިޔައިދީފަ އެވެ.
އާދައިގެ ބޮލުގައި ރިހުމާއި މައިގްރެއިންގެ ތަފާތުއާދައިގެ ބޮލުގައި ރިހުން އާންމުކޮށް މެދުވެރިވަނީ މާބޮޑަށް ބޯ ބަރުވުން، ވަރުބަލިވުން ނުވަތަ ހާސްވުމުގެ ސަބަބުންނެވެ. މިފަދަ ރިހުންތައް ބޮލުގެ ދެފަރާތަށް ނުވަތަ ނިތްކުރިއަށް އަސަރު ކުރާއިރު، އާދައިގެ ބޭހަކުން ނުވަތަ ކުޑަކޮށް އަރާމު ކޮށްލުމުން ފިލައިދެ އެވެ.
ނަމަވެސް، މައިގްރޭން އަކީ ހަމައެކަނި ބޮލުގައި ރިހުމެއް ނޫނެވެ. އެއީ ނާރުގެ ނިޒާމާ ގުޅިފައިވާ ބޮޑު މައްސަލަ އެކެވެ. މައިގްރޭންގެ ރިހުން ގިނަ ފަހަރަށް ހުންނަނީ ބޮލުގެ އެއްފަރާތެއްގަ އެވެ. އަދި މި ރިހުމަކީ ބޯ ފަޅައިގެންދާ ފަދަ ވަރުގަދަ، "ތޮޅޭ" ކަހަލަ ވޭނެކެވެ. މައިގްރޭންގެ ރިހުން ބައެއް ފަހަރު 4 ގަޑިއިރާއި 72 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެ އެވެ.
މައިގްރެއިންގެ ސަމާލުވާންޖެހޭ ނިޝާންތައް
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މައިގްރެއިން އެޓޭކެއް އައުމުގެ ކުރިން ނުވަތަ އަންނަ ވަގުތު ބައެއް ހާއްސަ އަލާމާތްތައް ފެނެ އެވެ. އޭގެ ތެރޭގައި:
- އަލި އަދި އަޑަށް ނާޒުކުވުން: ގަދަ އަލި ފެނުމުން ނުވަތަ ބާރު އަޑުތައް އިވުމުން ބޮލުގެ ރިހުން އެތައް ގުނައެއް އިތުރުވެ އެވެ.
- ލޮލުގެ ފެނުމަށް ބަދަލު އައުން: ބައެއް މީހުންނަށް ރިހުން ފެށުމުގެ ކުރިން ލޮލަށް ފްލޭޝް ދިއްލޭހެން ހީވުން، ނުވަތަ ރިހިރިހި ހުންނަ ރޫޅިތަކެއް ފެނުން ފަދަ ކަންކަން ދިމާވެ އެވެ.
- ހޮޑުލެވުން: ބޮލުގައި ރިހުމާއެކު މޭ ނުބައި ކުރުމާއި ހޮޑުލެވުން ކުރިމަތިވެ އެވެ.
ލުއި ލިބޭނެ ގޮތްތައް!
މައިގްރެއިންގެ އުނދަގޫ ބޮޑުވާނަމަ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ޑޮކްޓަރުން ބައެއް ވަސީލަތްތައް ބޭނުން ކުރުމަށް ލަފާދެ އެވެ. އޭގެ ތެރޭގައި ބޮލުގައި ރިހުން އަންނަ ގަޑިތަކާއި، އެކަމަށް މެދުވެރިވާ ސަބަބުތައް (ޓްރިގާސް) ނޯޓުކުރާ "މައިގްރޭން ޑައިރީ" އެއް ނުވަތަ މޮބައިލް އެޕްލިކޭޝަނެއް ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުން ކެފެއިން މަދުކުރުމާއި، ގަވާއިދުން ނިދުމަކީވެސް މައިގްރޭންއިން ސަލާމަތްވުމަށް އެހީތެރި ވެދޭނެ ކަންކަމެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވައިފި
10 މީހުންނާއެކު ބޮސްނިއާ ބަލިކޮށް އެމެރިކާ ގަދަ 16 އަށް
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް