ބެއިޖިންގް (04 ޖެނުއަރީ) - ޗައިނާއިން އެގައުމުގެ ނިއުކްލިއާ ވަސީލަތްތައް ފުޅާކޮށް ވަރުގަދަކުރާ ކަމަށް ބުނާ އެމެރިކާގެ ރިޕޯޓުތައް ދޮގުކޮށްފި އެވެ.

ޗައިނާ އަސްކަރިއްޔާގެ ސީނިއާ އޮފިޝަލެއް ވިދާޅުވީ ނިއުކްލިއާ ވަސީލަތްތައް ވަރުގަދަ ކުރަން މަސައްކަތް ނުކުރި ނަމަވެސް އެގައުމުގެ ސަރުކާރުން ނިއުކްލިއާ ވަސީލަތްތައް ކުރިއެރުވޭނެ ގޮތްތައް ހޯދައި ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ އާމްސް ކޮންޓްރޯލް ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް ފޫ ކޮންގް ވިދާޅުވީ ޗައިނާއިން ނިއުކްލިއާ ވަސީލަތްތައް ގެންގުޅެނީ އެގައުމުގެ ގައުމީ ސަލާމަތަށް ބޭނުންވާ މިންވަރަށް ކަމަށެވެ.

"ޗައިނާއިން ނިއުކްލިއާ ވަސީލަތްތައް ވަރުގަދަ ކުރަމުން ދާ ކަމަށް އެމެރިކާއިން ފަތުރަމުން ދާ ހަބަރަކީ މުޅިން ދޮގު ހަބަރެއް،" ބެއިޖިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގް ވިދާޅުވި އެވެ.

ކޮންގް މިހެން ވިދާޅުވެފައި މިވަނީ ޗައިނާ، އެމެރިކާ، ރަޝިއާ، އިނގިރޭސި ވިލާތް އަދި ފްރާންސް ގުޅިގެން ނިއުކްލިއާ ހަނގުރާމައަކާ ދެކޮޅަށް ނޫސްބަޔާނެއް ނެރިފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްއިން ނޮވެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ޗައިނާއިން އެގައުމުގެ ނިއުކްލިއާ ކެޕޭސިޓީ ވަރަށް ހަލުވި މިނެއްގައި އިތުރު ކުރަމުން އަންނަ ކަމަށެވެ. -- އަލް އަރަބިއްޔާ