ރިޔާދު (08 ޑިސެމްބަރު) - ސައޫދީ އަރަބިއާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެ އެގައުމުގެ ހާލަތު ގޯސްވެއްޖެ އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން 3575 ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ. މިއީ ފާއިތުވި އެއް އަހަރު ތެރޭގައި ވެސް އެގައުމުގައި ރެކޯޑު ކުރެވުނު އެންމެ މަތީ އަދަދެވެ.

2020 ވަނަ އަހަރުގެ ޖޫން މަހު އެގައުމުގައި ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު 5000ން މަތީގައި އުޅުނު އިރު ހަރުކަށި ފިޔަވަޅުތަކަކާއެކު އެ އަދަދުތައް ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.

އެ ގައުމުގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރެވުމާއެކު އެ ފިޔަވަޅުތަކަށް ސަރުކާރުން ލުއިތަކެއް ދިނެވެ. އާއްމު ތަންތަނުގައި މާސްކު ނާޅާ އުޅުން ހުއްދަ ކޮށް މަސްޖިދުލް ހަރަމް ވެސް ފުލް ކެޕޭސިޓީގައި ހިންގަން ހުއްދަ ދިނެވެ.

ނަމަވެސް އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށުމާއެކު ދިން ލުއިތައް އުވާލައި ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން އާއްމު އެއްވުންތައް މަނާކޮށް މަސްޖިދުލް ހަރަމްގައި ވެސް ގައިދުރު ކުރުމުގެ އިންތިޒާމްތައް އަލުން ވަނީ ހަމަޖައްސާފަ އެވެ.

ރަމަޟާން މަހުގެ އުމްރާ މޫސުމަށް ގާތްގަނޑަކަށް ދެ މަސް ދުވަހަށް ވެފައިވާއިރު އެގައުމުގައި ކޮވިޑް ހާލަތު ގޯސްވުމަކީ ދުނިޔޭގެ މުސްލިމުންނަށް ލިބޭނެ ގޯސް ޚަބަރެކެވެ. -- އަލް އަރަބިއްޔާ