ސިފައިންނާއި ފުލުހުން އެކުގައި ފަށާފައިވާ "ގުޅިގެން" އޮޕަރޭޝަނަކީ ގޭންގުތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މި އޮޕަރޭޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލި ޓާސްކުފޯހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި އާންމުކޮށް ގޭންގުތަކާއި ގުރޫޕުތައް އެއްވެ ތިބޭ ސަރަހައްދުތަކުގެ އިތުރުން އެފަދަ ގުރޫޕުތަކަށް ނިސްބަތްވާ އުޅަނދުތައް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި އޮޕަރޭޝަން ހިންގަން ޖެހުނު މައިގަނޑު ސަބަބަކީ ރާއްޖެއަކީ އަމާން ތަނަކަށް ހެދުން ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މިއީ އާންމު ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަގޮތަށް އެ މީހުން އެ ތިބޭ ސަރަހައްދު ތަކުގައި އަދި މާލެ ތެރޭގައި ސައިކަލު ތަކަށް އަރައިގެން ދުއްވާ ދުއްވުމާއި އެ އުޅޭ އުޅުން ގާނޫނުގެ ތެރެއިން ހުއްޓުވުމުގެ ބޭނުމުގައި ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. ގޭންގު ހަދައިގެން މާލެ ތެރޭގައި ހަރަކާތްތެރިވާ ވަގުތު ތަކުގައި ސަލާމަތީ ބާރުތަކުން މަގު މައްޗަަށް ނިކުންނާނެ ކަމަށާއި. ހާއްސަކޮށް ދަންވަރު ގަޑީގައި މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި މި އޮޕަރޭޝަން ފަށާފައިވާއިރު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވި އެވެ. ނަމަވެސް އެއްވެސް ބަޔަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެ އެވެ.