ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ކ. މާފުއްޓާއި ދ. ކުޑަހުވަދޫން ފެނިއްޖެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިވަގުތު ފެތުރެމުންދާ އޮމިކްރޯން ރާއްޖެއިން ވެސް ފެނިފައިވާއިރު، ރާއްޖޭގައި ވެސް ކޮވިޑުގެ އަދަދުތައް މައްޗަށް ދާން ވަނީ ފަށައިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ން ބުނީ މިހާތަނަށް 8 ދިވެއްސަކަށް އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެއިން 19 ފަތުރުވެރިއަކަށް ވެސް އޮމިކްރޯން ޖެހިފައިވާ ކަމުގެ މައުލޫމާތުލިބެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑް ފެތުރެމުންދަނީ، އޮމިކްރޯންގެ ސަބަބުން ކަމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އޮމިކްރޮން ވޭރިއަންޓް ހުރި މީހަކު ފެނުނީ ނޮވެމްބަރު މަހު 27 ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓެއްގެ ގައިންނެވެ.

މާލެއާއި އަތުޅުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރު ވެގެން ގޮސްފައިވާއިރު މާލެ ސަރަހައްދުން ދަތުރު ކުރާއިރު އިއްޔެއިން ފެށިގެން ޕީސީއާރު ނެގެޓިވް ނަތީޖާއެއް ވެސް ބޭނުންވާ ގޮތަށް އުސޫލެއް ވަނީ އެކުލަވާލާފަ އެވެ.