ރާއްޖެއިން އަބަދުވެސް އިންޑިއާއަށް ބަރޯސާވާ ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީއިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުނޫ މަހާވަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

"އިންޑިއާއަކީ ކޮންމެފަދަ ހާލަތެއްގައި ވެސް ބަރޯސާވެވޭ ފަދަ ގައުމެއްކަން ހާމަވޭ،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރާތުގައި ދެ ބޭފުޅުންވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، އަދި އެކި ދާއިރާތަކުން ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ދެ ބޭފުޅުން ވަނީ ރައީސް ސޯލިހުގެ މިވީ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި، އިންޑިއާއާއި އެކު ގުޅުން އިތުރަށް ހަރުދަނާވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ދެބޭފުޅުންވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން ވެސް މަޝްވަރާކުރައްވާފަ އެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑްގެ ހާލަތުގައި އިންޑިއާއިން ރާއްޖެއަށް ދެއްވާފައިވާ ދީލަތިއެހީތެރިކަން ފާހަގަ ކުރައްވާފަ އެވެ.

އިންޑިއާއިންދަނީ ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މިދިޔަ އަހަރުވެސް އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ އަށް މަޝްރޫއެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.