ކޮލަމްބޯ (12 ޖެނުއަރީ) - އަވަށްޓެރި ސްރީލަންކާގެ ހުރިހާ ސަރުކާރު ދަރަންޏެއް މި ހިނގައި 2022 ވަނަ އަހަރުގެ ތެރޭގައި ދައްކާ ޚަލާސްކޮށް އެގައުމުގެ ފޮރިން ކަރަންސީ ރިޒާވް އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަޖިތު ނިވާޑު ކަބްރާލު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު އެގައުމުގެ ފޮރިން ކަރަންސީ ރިޒާވްގެއި 3.1 ބިލިއަން އެމެރިކާ ޑޮލަރު ހުރި އިރު އެގައުމުން ދަނީ އިންޑިއާއާއި ގަތަރުއާއެކު ކްރެޑިޓް ކަރަންސީ ސްވެޕް އެއްބަސްވުމެއް ކުރުމަށް މަޝްވަރާ ކުރަމުންނެވެ. މި އެއްބަސްވުންތަކުގެ އަގުގައި 2.9 އެމެރިކާ ޑޮލަރު ހުންނާނެ އެވެ.

ސްރީލަންކާއިން މިއަހަރު ދައްކަން ޖެހޭ ދަރަނީގެ ގޮތުގައި 4.5 ބިލިއަން އެމެރިކާ ޑޮލަރު ހުރި އިރު އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އިންޓަނޭޝަނަލް ސޮވޮރައިން ބޮންޑް (އައިއެސްބީ) އަށް އެގައުމުން ދައްކަންޖެހޭ 500 މިލައަން އެމެރިކާ ޑޮލަރުގެ ލޯނެވެ.

"ދަރަނިތައް ނުދައްކާ އިތުރަށް ފަސްކުރުމަކީ ގައުމުގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ހީނަރު ކަމެއް. އެހެންކަމުން ދަރަނިތައް ދައްކާ ދުރު ރާސްތާ ރޭވުންތަކަށް އިސްކަން ދިނުމަކީ މިވަގުތު މުހިއްމު ކަމެއް" އަޖިތު ވިދާޅުވި އެވެ.

ކޮވިޑް 19ގެ ޕެންޑަމިކްގެ ސަބަބުން ޓޫރިޒަމް ރެވެނިއުގެ ގޮތުގައި އެގައުމަށް ލިބޭނެ ކަމަށް ލަފާކުރި ނުވަ ބިލިއަން އެމެރިކާ ޑޮލަރު ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ގެއްލުމަކީ އިގްތިސާދު އިތުރަށް ވަޅުޖެހުނު ސަބަބެއް ކަމަށް އަޖިތު ވިދާޅުވެފައިވެ އެވެ.

އަޖިތު އިތުރަށް ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ބޭންކަށް އެހީއަށް އެދުމަކީ ހައްލެއް ނޫން ކަމަށާއި އެއަށްވުރެ ހަރުދަނާ ޕްލޭންއެއް ބޭނުންވާ ކަމަށެވެ. -- ދަ ސްޓްރެއިޓް ޓައިމްސް