ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ބިދޭސީ މީހާ އޮތް ކަމަށް ބެލެވެނީ 550 މީޓަރު އަޑީގައި އޮތް ކޮޅުވެއްޓީގެ އިންޖީނު ރޫމްގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.
މި މަހުގެ 25 ވަނަ ދުވަހު މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި އެ ކޮޅުވެއްޓީގައި ހަ މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ތިން ބިދޭސީންގެ އިތުރުން އާންމުންގެ މީހެކެވެ. އެއީ ސިފައިންގެ ކުންފުނި، ސިވެކްގެ ކޮޅުވެއްޓިއެކެވެ.
އެ މީހުންގެ ތެރެއިން އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ.
ބިދޭސީ މީހާ އޮތް ކަމަށް ބެލެވެނީ ކޮޅުވެއްޓީގެ އިންޖީނު ރޫމްގައި ކަމަށްވާއިރު، ކާށިދޫ ކަނޑުގެ 550 މީޓަރު އަޑީގައި އޮތް އެ ކޮޅުވެއްޓި ނެގުމަށް އެއްވެސް މަސައްކަތެއް ކުރަމުން އަންނަ ކަމެއް އެމްއެންޑީއެފްގެ ބަޔާނުގައި ފާހަގަކޮށްފައެއްނުވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކޮޅުވެއްޓިއަށް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން ކަމަށާއި އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތަށާއި މޫސުމަށް ބަލައިގެން އުޅަނދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"ވޮރަންޓް އޮފިސަރު 2 އަލީ ހާމިދުގެ ހަށިގަނޑު ނެގީ ބަންޑުން ޖަހާލާފައިވާ ލޭންޑިން ކްރާފްޓުގެ ވީލްހައުސް ތެރެއިންނެވެ. އަދި ގެއްލުނު ބިދޭސީ ފަޅުވެރިޔާ އިންޖީނު ރޫމުގެ ތެރޭގައި ވީކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓް ފެތިފައިވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާ އެއް މޭލު ދުރުން، 550 މީޓަރު އަޑިއަށެވެ،" އެމްއެންޑީއެފުން ބުންޏެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި ފަސް ވަރަކަށް މޭލަށް ކައިރިވެފައިވަނިކޮށް، ދިޔަވާން ފަށައި، ކުއްލިއަކަށް ލޭންޑިން ކްރާފްޓް އަދި އަޅާލައިގެންކަން އުޅަނދުގެ ކެޕްޓަން މައުލޫމާތުދީފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެކަން ހިނގައިދިޔަ ގޮތް އެކަމަށް ކަނޑައަޅާފައިވާ ބޯޑުން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ލޭންޑިން ކްރާފްޓަށް ދިޔަވެގެން އަރި އަޅާލައިގެންދިޔަ ވަގުތު ލޭންޑިން ކްރާފްޓުގެ ކެޕްޓަނާއި ވޮރަންޓް އޮފިސަރު އަލީ ހާމިދާ ދެމީހުން ތިބީ އުޅަނދުގެ ވީލްހައުސްގެ ތެރޭގަ އެވެ.