އިދިކޮޅު ޕީޕީއެމްގެ ސަރުކާރުގައި ތަރައްގީގެ ވިސްނުމެއް ނެތްކަމަށާއި އެމީހުންނަށް ތަރައްގީގެ ވާހަކައެއް ނުދެއްކޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ރޭ ފޯކައިދޫގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ގޮވަން އެނގޭނެ ހަމައެކަނި އެއްޗަކީ 'އިންޑިއާ އައުޓް' ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުގައި ރާއްޖެ ތަރައްގީކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެ ސަރުކާރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 7،000 ފްލެޓަކީ ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އުޅެން ކަމުނުދާނެ 25 ބުރީގެ އިމާރާތްތަކެއް ހަދައިގެން، މުޅި ރާއްޖޭގެ އެންމެން އެ ތަނަށް ބަރޯސާވެގެން އުޅޭނެ ގޮތް ހަދާފައި، ރާއްޖޭގެ %75 ރައްޔިތުން މާލެއަށް އަޅާނަމޭ ކިޔާފައި، މާލޭގެ މަގުތަކާ އެއްޗެހި ތޮއްޖައްސާފައި ބަހައްޓާފައި، ހުރިހާ ކަމެއް މިގޮތަށް ކޮށްފައި ރާއްޖޭގެ ތަރައްގީއޭ ތަންތަނަށް އައިސް ކިޔުމުގެ ބޭނުމެއް ނެތް،" ގިނަ ދުވަސްތަކަކަށް ފަހު އެމްޑީޕީގެ ޕޯޑީއަމެއްގައި ހުންނަވައި މާރިޔާ ވިދާޅުވި އެވެ.

ހަގީގަތުގައި އެ ބޭފުޅުންގެ ވިސްނުމެއް ނެތޭ. ތަރައްގީގެ ޗާޓެއް ވެސް ނެތް ދެން ގޮވޭނީ އިންޑިޔާ އައުޓް ނޫންތޯ" މާރިއާ ދީދީ

މާރިޔާ ވިދާޅުވި ގޮތުގައި، ވޯޓު ހޯދަން ކޮމަންޑޫ ދާއިރާއަށް ދާން އިދިކޮޅު ފަރާތްތަކުން ލަދު ގަންނަންޖެހޭނެ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް އަވަހާރަވި ހުސައިން ވަހީދު އަވަހާރުވުމަށް ފަހު އޭނާ "ވަޅު ނުލަނީސް" އިދިކޮޅުން ކެމްޕެއިން ފެށުމެވެ. އެކަން މާރިޔާ ސިފަކުރެއްވީ، އިދިކޮޅުގެ އިސް ވެރިންގެ "އަމިއްލަ އެދުމައިގެން ފޯވެފައިވާ މިންވަރު" ދައްކުވައިދޭ ކަމެއްގެ ގޮތުގަ އެވެ.