ބަޣްދާދު (13 ޖެނުއަރީ) - އިރާގުގެ އަވަށެއް ކަމަށްވާ ހިއްލާގައި ހުންނަ ޝީއީންގެ މިސްކިތެއްގައި ހުރި ބެރިތަކެއް ވެއްޓި ހަ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ކީރިތި ރަސޫލާގެ ނަސަބުފުޅާ ގުޅިފައިވާ އިމާމް ހަމްޒާގެ މަގްބަރާ ހުންނަ މިސްކިތުގައި މިއަދުގެ މެންދުރުގެ ވަގުތެއްގަ އެވެ.
އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމުގެ ގޮތުން މިސްކިތުގެ އިމާރާތުގެ ބޭރުގައި ދަގަނޑުންނާއި ލަކުޑިން ހަދާފައި ހުރި އެ ބެރިތައް ވެއްޓުނީ ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް ނާޅާ ހުރުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ހާދިސާގެ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި މެޑިކަލް ޓީމުން ބުނީ އުމުރުން 20 އަހަރާއި 35 އަހަރާ ދެމެދުގެ ހަ މީހަކު މަރުވި އިރު އިތުރު އަންހެނަކާއި އޭނާގެ ތިން އަހަރުގެ ދަރިފުޅަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
ކޮރަޕްޝަނާއި މާލީ ދަތިތަކުގެ ސަބަބުން އިރާގުގެ އިމާރާތް ކުރުމުގެ ދާއިރާގައި ސަލާމަތީ ފިޔަވަޅުތަކާ މެދު ފަރުވާ ކުޑަ ކުރެވި މީގެ ކުރިން ވެސް މިފަދަ ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.-- އަލް އަރަބިއްޔާ