އޭނާ ކެއްކުމަށް ޝައުގުވެރިވީ އާއިލާ މެންބަރުންނާއެކު ބަދިގެ ތެރޭގައި އުޅުމުގެ ތެރެއިން. އެކަކު ކައްކާ އެއްޗެހީގެ ރަހަ އަނެކަކަށް ދައްކާ "ރަހަ ކިއުމަކީ" އެގޭ ތެރޭގައި އާންމުކޮށް ކުރާކަމެއް. މިއަދު ޒިންމާ ބޮޑު ވަޒީފާއެއް އަދާކުރި ނަމަވެސް އޭނާ ކެއްކުން ދޫކޮށްލާކަށް ބޭނުމެއް ނުވި. މީރު އެއްޗެހި ކައްކައިގެން ވިއްކުމުގެ މަސައްކަތް ވެސް ކުރި. އެ މަސައްކަތް ހުއްޓާލައި ދެން އޭނާ ބޭނުންވީ މީހުންނަށް ކައްކަން ދަސްކޮށްދޭން. އޭނާގެ ފިރިމީހާ އެ ކަމުގައި ބޮޑު އެއްބާރުލުމެއް ދިން. "ރަށުބަދިގެ" އުފެއްދައި އަދި ކެއްކުމާ ބެހޭ ވީޑިއޯ އާއި ގިނަ ރެސިޕީތައް އޭގައި ހިމެނި. މިއަދު "ރަށުބަދިގެ"އަކީ ރާއްޖޭގެ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ މީރު ރަހަތަކެއް ހިމެނޭ ޕޭޖެއް.

ބަދިގެއަކީ އެތަނެއްގައި އެކުވެރިކަމާއައި ގާތްކަމުގެ ގުޅުން ބަދަހިކުރެވިދާނެ ތަނެކެވެ. ދިވެހި ސަގާފަތް ދައްކުވައިދޭ މީރު ރަހަތައް އެތަނުން އުފެއްދިދާނެ ތަނެކެވެ. އެކަމަށް ބޭނުން ވަނީ މިފަދަ މޮޅު ހުނަރުވެރި ކެއްކުންތެރިއެކެވެ.

އއ. އުކުޅަހަށް އުފަން މަޒީނާ މުހައްމަދު (މަޒީނާ) އަށް ބަދިގެ ޚާއްސަ ވަނީ އެތަނުން ގިނަ ހިތްހަމަޖެހުން ލިބޭތީ އެވެ. ދިވެހިންގެ ތެރޭގައި މިހާރު އެންމެ މަޝްހޫރު "ރަށުބަދިގެ" ވުޖޫދުކުރި މި ކެއްކުންތެރިޔާއަކީ މީރު ރަހަތައް އުފައްދައި، ރަހަ ދައްކައި އަދި ކައްކަން ދަސްކޮށްދޭ ހީވާގި މޮޅު ކެއްކުންތެރިއެކެވެ. އުކުޅަހު ސްކޫލުގައި އޭލެވެލް ކްލާސްތަކަށް ދިވެހި ކިޔަވައިދޭ މަޒީނާއަކީ ގާބިލް މުދައްރިސެކެވެ. ނަމަވެސް ކެއްކުމަކީ އޭނާގެ ހިތާ ގުޅިފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ.

ކިރުސަރުބަތު: ރަށުބަދިގޭގައި އަރުތެރެއަށް މީރު ފޮނިރަހަތަކެއް ހިމެނޭ

ކެއްކުމުގެ ލޯބި އުފެދުން

މަޒީނާ އެންމެ ކުޑައިރުވެސް ކެއްކުމާ ދޯޅެވެ. އާއިލާގެ އެންމެ ހަގު މެންބަރުގެ ގޮތުގައި ހުރެ، ދޮށީ ކުދިންނާ އެކީ އޭނާ ކެއްކުމުގައި ބައިވެރިވެ އުޅެ އެވެ.

"ގޭގައި ކައްކާފައި އެކަކު އަނެކަކަށް އަދި ރައްޓެހިންނަށް ވެސް ރަހަ ދެއްކުން އޮންނާނެ އަދި އެންމެން އެއްކޮށް ޕިކްނިކް ގޮސް ކައްކައި ހަދަން. އެހެން އުޅުމުގެ ތެރޭން ކެއްކުމަށް ޝައުގުވެރިކަން އުފެދުނީ،" މަޒީނާ ބުންޏެވެ.

މަޒީނާ: މީހުންނަށް ކައްކަން ދަސްކޮށްދިނުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް

ފޮނި ކާއެއްޗެހި ތައްޔަރުކޮށް ވިއްކުމުގެ މަސައްކަތް އޭނާ ދުވަސްކޮޅެއް ވަންދެން ކުރި އެވެ. އެހެން ނަމަވެސް އޭނާގެ ރަސްމީ މަސައްކަތަށާއި ކުދިންނަށް ވަގުތު ހުސްކޮށްފައި ޑިމާންޑާ އެއްވަރަށް ކާއެއްޗެހި ތައްޔާރު ކުރަން ދަތިވި އެވެ. ދެން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ކަމުގައި އޭނާއަށް ވިސްނުނީ ޕޭޖެއް ހަދައި ރެސިޕީ އާއި ވީޑިއޯ ހިއްސާކޮށްގެނެވެ. އެއީ މީހުންނަށް ކައްކަން ދަސްކޮށްދިނުމަށް ވެސް އޮތް ވަރަށް ރަނގަޅު ގޮތެއް ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ. އެގޮތުން 2022 ހިސާބުގައި "ރަށުބަދިގެ" ނަމުގައި ޕޭޖެއް ހުޅުވައި ކާއެއްޗެހީގެ ފޮޓޯއާއި ވީޑިއޯ ލާން ފެށި އެވެ.

"އަޅުގަނޑު ޕޭޖް ހަދައި ވީޑިއޯ ލުމުގެ ކުރިން ގޭގެ ބަދިގެއަށް ބޮޑެތި ބަދަލުތަކެއް ގެނައިން. ގެންގުޅޭ އެއްޗެހި ވެސް ގަތިން އަދި ވީޑިއޯކުރަން ބޭނުންކުރާ އާލާތް ހޯދިން،" މަޒީނާ ބުންޏެވެ.

ހުރިހާ ތައްޔާރީތައް ވެގެން އޭނާ ބޭނުންވާ ގޮތަށް ޕޭޖްގެ މަސައްކަތް ފަށައިގަންނަން ތިން އަހަރު ނެގި އެވެ.

މަޒީގެ ރެސިޕީތަކުގައި ގިނައީ މުޅިން ތަފާތު އާ ރެސިޕީތަކެވެ. މީހުން ކާހިތްވާ ކަހަލަ ކާއެއްޗެހި ހިމެނޭތޯ އޭނާ ވަރަށް މަސައްކަތް ކުރެ އެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭ އަދި ރާއްޖެއިން ފަސޭހައިން ގަންނަން ލިބޭ އެއްޗެހި ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭނެ ފަދަ މީރު ކާއެއްޗެހި ހިމެނުމަށް ވެސް އިސްކަމެއް ދެ އެވެ.

މުރަކަބޮލި: ވަރަށް ގިނަ އާރެސިޕީތަކެއް ރަށުބަދިގޭގައިވޭ

އަދި މީހުންނަށް މަދުން ވީޑިއޯ ލިބެން ހުންނަ ރެސިޕީތަކާއި ކައްކާނެ ގޮތުގެ ވީޑިއޯ ހިމަނަ އެވެ. މުޅިން އާ ރެސިޕީތަކާއި ބާޒާރުގައި ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން އުފައްދާފައި ހުންނަ ރެސިޕީތައް ވެސް އޭގައި ވެ އެވެ. އޭނާގެ ރެސިޕީގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަޝްހޫރުވި ބުއިމަކީ "ގްރީންލީވްސް ބްލޫބެރީ ޖޫސް" ބޭނުން ކޮށްގެން ތައްޔާރުކުރި ކިރު ސަރުބަތެކެވެ. އެ ސަރުބަތު އޭނާ ތައްޔާރުކުރި މީގެ ދެ އަހަރު ކުރިން ރޯދަމަހެއްގެ ވަރަށް ހޫނުގަދަ ދުވަހެއްގައި ކަރުތެރެއަށް މީރު ފޮނި ބުއިމެއް ތައްޔާރުކޮށްލުމުގެ ބޭނުމުގަ އެވެ. ކާ އެއްޗެހިތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިފައި ވަނީ އޭނާގެ ޚާއްސަ ތެޔޮ މިރުސް ބަތަށް ކަމަށް އޭނާ ބުންޏެވެ.

"ތެޔޮ މިރުސް ބަތް ވަރަށް ގިނަ މީހުން ތައްޔާރުކޮށްފައި ވަރަށް ރަނގަޅު ކަމަށް ބުނި،" އޭނާ ބުންޏެވެ.

https://vt.tiktok.com/ZSSqpetQw/

ރެސްޓޯރެންޓެއް ހުޅުވުމަކީ އުންމީދެއް

ރަށުބަދިގެއަށް ލިބިފައިވާ މަޝްހޫރު ކަމުން އެއީ ރެސްޓޯރެއްޓެއް ކަމަށް ގިނަ މީހުން ހީކުރެ އެވެ. އެހެން ނަމަވެސް އަދި ރަށުބަދިގޭގެ ނަމުގައި ރެސްޓޯރެންޓެއް ނެތެވެ. އެ ޚިދުމަތް ދިނުމަކީ ހަގީގަތަކަށް ހަދަން ބޭނުންވާ ހުވަފެނެކެވެ.

"ތެޔޮ މިރު ސަރުބަތް އަދި ކިރު ސަރުބަތު ބުނެލުމުން އެއީ ރަށުބަދިގެއަށް ޚާއްސަ އެއްޗެއްކަން ގިނަ މީހުންނަށް އެނގޭނެ. އެކަހަލަ ކާނާތަކެއް ހިމަނާލައިގެން އަޅުގަނޑުގެ ބޭބެމެންނާ ގުޅިގެން ރެސްޓޯރެންޓެއް ހުޅުވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް،" މަޒީ ބުންޏެވެ .

މަސްކުރޮޅި: ދިވެހިސަގާފަތާއި ގުޅުންހުރި ގިނަރެސިޕީތައްވެސް ރަށުބަދިގޭގައި ހިމަނާފައިވޭ

ރަށު ބަދިގެ ހިންގުމަކީ އޭނާ އެކަން ކުރަން ބޭނުންވެގެން ކުރާކަމެކެވެ. ވީމާ ދުރާލާ ކަންކަން ރާވައި ވަގުތު ހުސްކުރުމަށް އޭނާ އިސްކަންދެ އެވެ. ޕޭޖަށް ލާން ބޭނުންވާ ވީޑިއޯ ދުރާލާ ނަގަ އެވެ. އަދި އެންމެ މަދުވެގެން ހަފްތާއަކު އެއްވީޑިއޯ އެ ޕޭޖްގައި ހިމަނަ އެވެ. އެންމެ އުނދަގޫކޮށް ކުރަން ޖެހޭ އައުޓްޑޯ ވީޑިއޯއެއް ނަމަވެސް ވަގުތު ހޯދައިގެން އެ ކަމަށް ވަގުތު ދެ އެވެ. އަދި ކިޔަވައިދިނުމުގައި އަވަދިނެތި އުޅެންޖެހޭ ދުވަހެއް ނަމަވެސް އެ ދުވަހުގެ އެންމެ ފަހު މަސަކަތަކަށް ވެސް ޕޭޖަށް ލާނެ ވީޑިއޯ ކޮޅެއް ހަދާލުމަށް އިސްކަން ދެ އެވެ. މަޒީގެ ވީޑިއޯ ބެލުމަށްފަހު ވަރަށް ގިނަ މީހުން ކައްކަން ދަސްކުރެ އެވެ.

އެކަމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އޭނާގެ ވީޑިއޯތަކަށް ލިބޭ ގިނަ ވިއުސްތަކާއި ޝެއާތަކުން އޭނާގެ މަސައްކަތަށް ތަރުހީބު އިތުރުވަމުން އަންނަ މީންވަރު އެނގެ އެވެ. ސްޕޮންސާޑް ވީޑިއޯތަކުން ރަނގަޅު އެއްޗެއް ވެސް ލިބޭ ކަމަށް އޭނާ ބުންޏެވެ.

https://vt.tiktok.com/ZSSqg3uvE/

އޭނާ ގަބޫލުކުރާ ގޮތުގައި ރަށުބަދިގެ ކާމިޔާބުވުމުގެ ސިއްރަކީ މުޅި އާއިލާގެ ފަރާތުން އޭނާއަށް ލިބޭ އެހީތެރިކަމެވެ. އެގޮތުން ރެސިޕީތައް ތައްޔާރުކުރުމުގަ އާއި ވީޑިއޯ ހެދުމުގައި ލިބޭ އެހީތެރިކަން އޭނާ ފާހަގަކުރި އެވެ.

"މިކަހަލަ މަސައްކަތެއް ކުރާއިރު ވަރަށް އެއްޗެހި ހަޑިވާނެ ދެއްތޯ. ތެއްޔާއި، ތައްޓާއި އެއެއްޗެހި ދޮވުމުގައި މަންމައަށް ވެސް ވީވަރަކުން އެހީތެރިވެދޭ،" އޭނާ ވަރަށް އުފަލާއެކު ފާހަގަ ކުރި އެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ ހުރިހާ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކަކުން މަޒީގެ ރަށުބަދިގެ ފެންނާނެ ކަމަށް އޭނާ ބުންޏެވެ.