ހާޓް އެޓޭކެއް ޖެހިގެން މިދިޔަ ހުކުރު ދުވަހު ފުވައްމުލަކު ހޮސްޕިޓަލަށް ދިޔަ މީހަކަށް އެކަށީގެންވާ ފަރުވާ ނުދީ އިހުމާލުވެގެން މަރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އާއިލާއިން ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް ފޮނުވި ސިޓީގައިވާ ގޮތުން ހާޓް އެޓޭކެއް ޖެހިގެން، އަހުމަދު އިބްރާހީމް (ކެޑޭރެ އަހުމަދު) މިމަހުގެ 8 ވަނަ ދުވަހު ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް (އީއާރު) އަށް ގެނައީ އެ ދުވަހުގެ ހެނދުނު 9:30 ގައި ނަމަވެސް މަރު ސާބިތުކުރި ލިޔުމުގައި އޭގެ ބަދަލުގައި ލިޔެފައި ވަނީ ގާތްގަނޑަކަށް 9:40 އެކެވެ.
އާއިލާއިން ބުނީ މަރު ސާބިތުކުރި ލިޔުން ލިބުނީ 24 ގަޑިއިރަށް ވުރެ ވެސް ގިނައިރު ފަހުން އޭގެ އަނެއް ދުވަހުގެ މެންދުރު 2:51 ގައި ކަމަށާއި، އޭގައިވާ ގޮތުން އޭނާ އަށް ހާޓްއެޓޭކެއް ޖެހުނު ކަން އެނގެން އޮތް ކަމަށާއި، އޭނާ މަރުވި ކަމަށް ނިންމާފައި ވަނީ 8 ވަނަ ދުވަހުގެ ހެނދުނު 11:29 ގައި ކަމަށެވެ.
މި ސިޓީގައި އާއިލާއިން ވަނީ ބަލި މީހާއަށް ފަރުވާ ދިނުމުގައި ފުވައްމުލަކު ހޮސްޕިޓަލުން އިހުމާލުވިކަމަށް ތުހުމަތު ކުރެވޭ ކަންތައްތައް ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭގައި:
- ބަލި މީހާ ގެނައުމުން ވައިޓަލްސް ނަގާފައިވާ ކަމަށް ލިޔުންތަކުގައި ބަޔާންކޮށްފައެއް ނުވޭ
- ހާޓްއެޓޭކް ޖެހިގެން ގެންނަ ބަލި މީހާއަށް ފަރުވާ ދިނުމުގައި އަމަލު ކުރަން ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކާއި ހިލާފުވެފައިވާއިރު، އީއާރުގައި ޕްރޮޓޮން ޕަމްޕް އިންހިބިޓާސް (ޕީޕީއައި) ދިން ނަމަވެސް ވާޑަށް ބަދަލުކުރުމުގެ ކުރިން އެންޓި-ޕްލެޓްލެޓްސް އައި ތްރޮމްބޮލިޓިކްސް ދީފައެއް ނުވޭ
- އޭނާއަށް ހާޓްއެޓޭކެއް ޖެހުނުކަން އީސީޖީން އެނގުނުތާ 40 މިނިޓް ފާއިތުވެގެން ދިޔައިރު ވެސް އީއާރު ވެސް ބާރު ބޮޑު ނޫން އިރު، އެކަމާ ގުޅޭ ފަރުވާއެއް ދީފައެއް ނުވޭ. އަދި އައިޖީއެމްއެޗްގެ ކާޑިއޮލޮޖީއަށް ވެސް މިކަމާ ބެހޭ ގޮތުން އަންގާފައެއް ނުވޭ.
- ސީޕީއާރު ދިނީ 4 އިންޗީގެ ގޮދަނޑިއެއްގައި، ބަލި މީހާގެ އާއިލާއާއި މަންޒަރު ދުށް ފަރާތްތަކުން ބަލި މީހާގެ ހޭވެރިކަން ގެއްލެން ފެށިއިރު ވެސް އެއްވެސް ޑޮކްޓަރަކާއި ނަރުހެއް ނައުމުން އެކަމާ އެތައް ފަހަރަކު ނުރުހުން ފާޅުކުރުމުން.
- އެ ހާލަތުގައި ހޮސްޕިޓަލުން އެދުނީ ބަލިމީހާ ކައިރީގައި ވޯޑާ ހަމައަށް ހިނގާފައި ދިޔުމަށް ނަމަވެސް ވޯޑަށް ބަލިމީހާ ގެންދިޔައީ އެތަނުގައި ހުރި ފަރާތެއްގެ އެހީގައި ފުރޮޅުލީ ގޮނޑިއެއްގައި.
- އޮކްސިޖަން ހިއުމިޑިފަޔާގައި ފެން ނެތުމާއި ހުސްވެފައި ހުރުމުން، އޮކްސިޖަންގެ މިންވަރު 62 އަށް ދަށްވިއިރު ވެސް އޮކްސިޖަން ދެވިފައެއް ނުވޭ. އޭރުވެސް ޑޮކްޓަރެއް ނެތް އަދި ތްރޮމްބޮލިސިސް ވެސް ބަލި މީހާއަށް ދީފައެއް ނުވޭ.
މީގެ އިތުރުން ވެސް އާއިލާއިން ވަނީ ހޮސްޕިޓަލުން ރާއްޖޭގެ ކްރިމިނަލް ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް ބުނެފަ އެވެ. މިގޮތުން އީސީޖީ ފުށުއެރުންތަކެއް އުޅޭ ކަމަށާއި، އެ ލިޔުންތައް އޮޅުވާލާފައިވާ ކަމަށާއި، މީގެ ކުރިން ދެނެގަނެވިފައި ނުވާ ހަކުރު ބަލި ހުރި ކަމަށް މަރު ސާބިތުކުރި ލިޔުމުގެ އޮތް ކަމަށާއި، ހެކި ފޮރުވަން އުޅޭ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.
މިއާއެކު އާއިލާއިން ވަނީ މި މައްސަލަ ބަލައިދިނުމަށް ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން އެދިފަ އެވެ.