މަނީލޯޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރި ދުވަސްތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންވަން ޖެހޭ އިނާޔަތުގެ ގޮތުގައި، 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކުރީ ރައީސް ޔާމީން ޖަލަށްލާން ހުކުމްކުރި މުއްދަތުން ފެށިގެން އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާ ހަމައަށް ކަނޑައިލާފައިވާ އިނާޔަތްތައް މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ.

ކުރީގެ ރައީސުންނަށް ލިބެން ޖެހޭ އިނާޔަތްތަކުގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދު އެމަނިކުފާނު ނުނަންގަވާ ކަމަށެވެ. އެ މުއްދަތުގައި ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާގެ އިނާޔަތް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން އެ މަނިކުފާނަށް މިނިވަންވެވަޑައިގަތުމާ ގުޅިގެން ޑިސެމްބަރު މަހު ލިބެންޖެހޭ އިނާޔަތްތައް ވެސް ޖަމާ ކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތްތަކެއް އެމަނިކުފާނަށް ފިނޭންސުން ޖަމާ ކޮށްދީފައި މިވަނީ އެ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ފޮނުވި ސިޓީ ދިރާސާ ކުރުމަށްފަހު އެވެ.

އެކަމިކުފާނު މިނިވަންވެޑައިގަތުމާ ގުޅިގެން ސަރުކާރުން ވަނީ އެމަނިކުފާނަށް ލިބެންޖެހޭ ސެކިއުރިޓީ ވެސް ދޭން ފަށައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގައި ވާގޮތުގައި ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދޭން ޖެހޭނެ އެވެ. ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000ރ. ދޭން ޖެހެ އެވެ.

މީގެ އިތުރުން ވެސް ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ވެސް ހިނގާނީ ދައުލަތުގެ ބަޖެޓުންނެވެ.

ރައީސް ޔާމީނަށް ދައުލަތުގެ ބަޖެޓުން ދެމުން އައި އިނާޔަތްތައް ކަނޑާލީ ނޮވެމްބަރު 28، 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.

ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ކުށުން ސަލާމަތްވެފައި ވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމާއި ގުޅިގެންނެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވީނަމަވެސް، ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށް ވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި ކަމަށް ތުހުމަތުކުރޭވޭ މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީޢަތް ހިންގަމުންނެވެ. އަދި ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑާކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑާ ކުރުމާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ވެސް ދަނީ ހިނގަމުންނެވެ.