ރައްޔިތުންގެ މަޖިލިހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޯމަތިވެފައި ވަނިކޮށް އެރަށް ކައިރީ އޮންނަ ތިން ރަށެއްގައި ރިސޯޓް ހަދަން ހުޅުވާލައިފި އެވެ.

އެގޮތުން ށ. އަތޮޅު ދިގުރަށާއި، މެދުރަށާއި، އަދި މައިރަށް ދިގުވެލިދޫ ގައި ރިސޯޓް ހަދަން ފުރުސަތު ހުޅުވާލާފައިވާ ކަން ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ހާމަކޮށްފަ އެވެ. ދިގުވެލިދޫގައި ރިސޯޓެއް ތަރައްގީކުރައްވާނެ ކަމަށް ސަރުކާރުން އިއުލާން ކުރެއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެރަށުގައި އެއަރޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ފަހުންނެވެ.

ދިގުވެލިދޫ ދޫކުރަނީ އެ ރަށުގެ ފަޅު ހިއްކައިގެން ތަރައްގީކުރެވޭ ގޮތަށެވެ. އެ ރަށުގައި ތަރައްގީކުރަން ނިންމާފައިވަނީ 300 އެނދުގެ ރިސޯޓެއް ކަމަށްވެސް މިނިސްޓްރީގެ ލިޔުންތަކުން ހާމަވެ އެވެ. ދިގުވެލިދޫއާއި އެ ރަށާ ގުޅިފައިވާ އިތުރު ދެ ރަށް ކަމުގައިވާ މެދުރަށާއި ދިގުރަށް، މި ތިން ރަށް ހިމެނޭ ގޮތަށް ޖުމްލަ 19 ހެކްޓަރު ހުންނަ މި ރަށް ދޫކުރަން ނިންމާފައިވާ އެންމެ ކުޑަ އަގަކީ 1.2 މިލިއަން ރުފިޔާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ބިޑް ޑޮކިއުމެންޓުތަކުން އެނގެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް މިހާރުވެސް އެ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފަ އެވެ. މިއާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބައެއް ވާދަވެރިން ވަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅައި ދިނުމަށް ގޮވާލަމުންނެވެ.

މި ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން ގެންދަވަނީ ދާއިރާގައި ވަރުގަދައަށް ކެމްޕެއިން ކުރަމުންނެވެ.