ރާއްޖޭގެ އަދުލު އިންސާފު ވަރުގަދަކުރަން އިނގިރޭސިވިލާތުން ހުށަހަޅައިފި އެވެ.
ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި އިނގިރޭސިވިލާތުން ވަނީ ތިން ކަމެއް އިސްލާހުކުރަން ރާއްޖެއަށް ހުށަހަޅައިފަ އެވެ.
އެ ގައުމުން ހުށަހަޅާފައި ވަނީ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ރާއްޖޭގައި އެއްވެސް ގޮތަކަށް އަޅުން ގެންގުޅުން މަނާކުރުމާއި އަދި އެކަމަށް އަދަބުތަކެއް ކަނޑައެޅުމާއި ހިއުމަން ޓްރެފިކިން އާއި ގަދަކަމުން ކައިވެނިކުރުވުމާއި ކުޑަކުދިންނަށް ހަނގުރާމާގައި ބައިވެރިކޮށް، ހަތިޔާރު ދިނުމާއި އދ.ގެ މުއާހަދާތަކާއެއް ގޮތަށް އަންހެނުން އިންތިހާބުކުރުމުގެ ފުރުސަތު ދިނުމާއި މަދަނީ ޖަމިއްޔާތަކުގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ނިޒާމެއް ގާއިމުކުރަން ވެސް އިނގިރޭސިވިލާތުން ހުށަހަޅާފައިވެ އެވެ.
އެ ގައުމުން ބުނީ 2015 ވަނަ އަހަރުން ފެށިގެން ޑިމޮކްރަސީ ހަރުދަނާކުރުމާއި ހިންގުމުގެ ދާއިރާ އަދި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުން ފަދަކަންތައްތަކުން ކުރިއެރުން ހޯދަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ޑިމޮކްރަސީގެ އުސޫލްތަކާއި އަދުލު އިންސާފުގެ މިނިވަންކަން ވަރުގަދަކުރަން ގާނޫނީ ދާއިރާ އިސްލާހުކުރަން ހުށަހަޅާ ކަމަށް ބުނެފައިވެ އެވެ. އެ ގައުމުން ވަނީ 2019 ވަނަ އަހަރު ސުލްހަވެރިން މަޖިލިސް އިންތިހާބެއް ބޭއްވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން މަދުވުމުން އެކަމާ ކަންބޮޑުވާކަން ހާމަކޮށްފައިވެ އެވެ.