އޮރެންޖަކީ އަހަރެމެން އެންމެން ވެސް ވަރަށް މީރުކޮށް ކާ މޭވާއެކެވެ. ނަމަވެސް މި މޭވާގެ ތޮށްޓަކީ ކިހާ ބޭނުންތެރި އެއްޗެއްކަން އަހަރެމެންނަށް މިއޮތީ ނޭނގި އެވެ. އެއީ ސިއްހަތަށް ފައިދާކުރުމުގެ އިތުރުން އެހެނިހެން ގިނަ ބޭނުންތަކެއް ވެސް ކުރެވޭ އެއްޗެކެވެ.

ނުބައިވަސް ފިލުވައިދޭ

ނުބައިވަސް ދުވާ ތަންތަނުގައި އޮރެންޖްގެ ތޮށި ބޭނުން ކުރުމުން ނުބައިވަސް ދުވުން ކުޑަވެ ތާޒާވަހެއް އާދެ އެވެ. އެހެންކަމުން ކުނި ވަށިގަނޑާއި އައިސް އަލަމާރި ފަދަ ތަންތަނުގައި އޮރެންޖު ތޮށި ބަހައްޓާށެވެ.

މަދިރި ހެފުން ދުރުކޮށްދޭ

އޮރެންޖަކީ ސިޓްރަސް އެސިޑް ހިމެނޭ މޭވާއަކަށްވުމާއެކު އޮރެންޖުގެ ތޮށި ހަންގަނޑުގައި އުނގުޅުމުން އޭގެ ވަހުގެ ސަބަބުން ގައިގައި މަދިރި ހެފުން މަދުކޮށްދެ އެވެ.

ގަސްކާނާ ތައްޔާރު ކުރެވޭ

އޮރެންޖުގެ ތޮށްޓަކީ އެ ބޭނުންކޮށްގެން ގަސްގަހާ ގެއްސަށް ފައިދާހުރި ގަސްކާނާ އުފެއްދޭ އެއްޗެކެވެ. އޮރެންޖުގެ ތޮށީގައި ހިމެނޭ ނައިޓްރިޖަން އާއި އެހެނިހެން މާއްދާތަކަކީ ގަސްގަހާ ގެހި ހެދި ބޮޑުވުމުގައި ވަރަށް މުހިންމު މާއްދާ ތަކެކެވެ.