މައިމީހާގެ ގާތުންދޭ ކިރަކީ ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވަރަށް މުހިންމު އެއްޗެކެވެ. އޭގެ ސަބަބުން ދަރިފުޅަށް ގިނަ ފައިދާތަކެއް ލިބޭކަން އެންމެންވެސް ދަންނަ އިރު ގާތުން ކިރުދިނުމުގެ ސަބަބުން މައިމީހާއަށްވެސް ގިނަ ފައިދާތަކެއް ލިބޭކަން އެނގެނީ މަދު ބަޔަކަށެވެ.

މައިމީހާއާއި ދަރިފުޅުގެ ގުޅުން ބަދަހި ކޮށްދޭ

މައިމީހާ އާއި ކުޑަދަރިފުޅުގެ ދެމެދުގައި އޮންނަ ޖިސްމާނީ އަދި ނަފްސާނީ ގުޅުން ގާތުން ކިރުދިނުމުގެ ސަބަބުން އިތުރަށް ބަދަހިވެގެންދެ އެވެ. ފުރަތަމަ އަހަރުތަކުގައި ދަރިފުޅާއި މަންމައާ ދެމެދު ރަނގަޅު ގުޅުމެއް އުފެދުމަކީ، ފަހުން އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތައް ކުރިމަތިވާ މިންވަރު މަދުކޮށްދޭ ކަމެކެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން ޕޯސްޓްޕާޓަމް ޑިޕްރެޝަން ޖެހުމުގެ ނުރައްކާވެސް ކުޑަވެ އެވެ.

ކުޑަދަރިފުޅުގެ ބޭނުންތައް ދެނެގަންނަން އެހީވެދޭ

ގާތުން ކިރުދޭ މައިންނަށް ދަރިފުޅުގެ އަޚްލާގާއި އުޅޭގޮތް ރަނގަޅަށް އެނގޭނެ އެވެ. އަދި ކުޑަކުދިންވެސް އެކުދިންނަށް އަޅާލާ މީހުންނަށް އިތުބާރު ކުރަން ދަސްކުރެ އެވެ. މިއީ އުމުރުގެ ފުރަތަމަ އަހަރުތަކުގައި ދަރިފުޅުގެ އުޅުން ބައްޓަން ކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ކަމެކެވެ.

މައިމީހާގެ ސްޓްރެސް ކުޑަ ކޮށްދޭ

ގާތުން ކިރުދިނުމަކީ ހޯމޯން އޮކްސިޓޯސިން އާއި ޕްރޯލެކްޓިން އުފައްދައިދީ، ސްޓްރެސް މަދުކޮށްދިނުމުގެ އިތުރުން ރަނގަޅު އިހުސާސްތައް އާލާކުރުވާ ކަމެކެވެ. މީގެ އިތުރުން އެހެން ކުދިންނާއި އަޅާބަލާއިރު، ގާތުންކިރުބޯ ކުޑަކުދިން ރޯނީވެސް މަދުންނެވެ. އަދި އެކުދިންނަށް ކުޑައިރު ބަލިތައް ޖެހުމުގެ ފުރުސަތުވެސް ކުޑަވެގެންދެ އެވެ.

މައިމީހާ އަށް ބަރުދަން ލުއިކުރުމުގައި އެހީވޭ

ގާތުން ކިރުދޭ މައިންނަށް ވިހެއުމަށްފަހު ބަރުދަން ލުއިކުރަން ފަސޭހަވާނެ އެވެ. އެގޮތުން ކިރު އުފައްދައި، ސަޕްލައި ދެމެހެއްޓުމުގައި އެކަނިވެސް ދުވާލެއްގެ މައްޗަށް އިތުރު 500 ކެލޮރީސް ވިރޭނެ އެވެ.

މައިމީހާގެ ރަހިމުގެ ސިއްހަތު ރަނގަޅު ކޮށްދޭ

ގާތުން ކިރުދިނުމަކީ މައިމީހާގެ ރަހިމު ވިހެއުމުގެ ކުރިން ހުރި ބައްޓަމަށް އެނބުރި ދިއުމަށް އެހީވެދޭ ކަމެކެވެ. މީގެ އިތުރުން ގާތުން ކިރުދިނުމަކީ އޮކްސިޓޯސިން އުފެދުމުގެ ސަބަބުން ވިހެއުމަށްފަހު ލޭއައުން ވެސް މަދުކޮށްދޭ ކަމެކެވެ.