ތިލަމާލެ ބްރިޖް މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު ސާވޭގެ މަސައްކަތްތައް ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖް އެޅުމަށް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު އެފްކޯންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިންއަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ސާވޭގެ މަސައްކަތްތައް ނިންމައި، ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތްތައް އަންނަމަހު ފެށޭވަރުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ބްރިޖްގެ މަސައްކަތަށް މާލެއިން ބޭނުންވާ ސައިޓް ތައްޔާރުކުރުމަށް، އިންޑަސްޓްރިއަލް ވިލެޖުން ބިން ކަނޑައަޅާ އެބިން ހުސްކޮށް މިހާރު ވަނީ ސާފުކޮށްފަ އެވެ.

ޖިއޯޓެކްނިކަލް ސާވޭ އަކީ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމަށް ކުރާ ސާވޭއެކެވެ.

މި ސާވޭ ހެދުމަށް ބޭނުންވާ މެޝިނަރީތައް ވެސް އިންޑަސްޓްރިއަލް ވިލެޖުގައި ބަހައްޓައިގެން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ވެސް ވަނީ މި ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭއެއްގެ މަސައްކަތް ކޮށްފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު 28 އިން ފެށިގެން ކުރި އެ ސާވޭ އަކީ ލޭންޑް އެންޑް މެރިން ސާވޭއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހު 26 ގަ އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެ އެވެ.

6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެ އެވެ. މިއީ 500 މިލިއަން ޑޮލަރު ނުވަތަ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކު އެވެ.