އަންނައުނެއްގައި ލަކެއް ޖެހުމަކީ ގިނަ ބަޔަކު ވަރަށް މާޔޫސްވާ ކަމެކެވެ. އެންމެ ކަމުދާ ހެދުމުގައި ނުފިލާނެ ފަދަ ލަކެއް ޖެހިއްޖެ ނަމަ މުޅި ދުވަސް ހަރާބުވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ މިގޮތަށް ޖެހޭ ލައްތައް ފިލުވާލެވޭނެ ފަސޭހަ ގޮތްތަކަކަށެވެ.

ކުލަ

ކުލަ ހެދުމަކާއި އެކު ދޮންނަ ހުދު ހެދުމުގައި ޖެހޭ ލައް އެއީ ފިލުވާލަން އުނދަގޫ އެއްޗެކެވެ. މިގޮތަށް ކުލަ ޖެހިއްޖެނަމަ، ހެދުން ފިނިކުރި ފެން ތަށްޓެއްގެ ތެރެއަށް ލުމަށްފަހު ކްލޯރިން ނުހުންނަ ބްލީޗެއް (މިސާލަކަށް އޮކްސި-ކްލީން) އަޅާފައި 8 ގަޑިއިރު ވަންދެން ބަހައްޓާށެވެ.. ކުލަ ފަނޑުވާވަރަކަށް، ތަކުރާރު ކުރަމުންގޮސް އެއްކޮށް ފިލުމުން ދޮވެފައި ހިއްކާށެވެ.

ދާ އަދި ހޮޑު

ހަށިގަނޑުން ނިކުންނަ ދާ އަދި ހޮޑުފަދަ އެއްޗެހިން ޖެހޭ ލައް ފިލުވުމަށް ބޭނުންވަނީ، "އެންޒައިމެޓިކް ޑިޓަރޖެންޓް" އެކެވެ. އޭގެ ސަބަބުން މިފަދަ ދިޔައިގައި ހުންނަ ޕްރޮޓީންގެ ބައި ދުއްވާލާނެ އެވެ. ހެދުން އުފައްދާފައިވާ ފޭރާން، ދެނެގަނެ، އެ ފޭރާން ދޮވުމަށް އިރުޝާދުދޭ އެންމެމަތީ ހޫނުމިނެއްގައި ދޮންނާށެވެ. އެއްފަހަރު ދޮވުމަށްފަހުވެސް ވަސް ހުރިނަމަ، ވަސް ކަނޑުވާލުމަށް ޚާއްސަކުރެވިފައިވާ ޑިޓަރޖެންޓަކުން ދޮވެލާށެވެ. ކިހިލިފަތްދަށުން ހިއްލާ ދަލުގެ ސަބަބުން ހެދުމުގައި ޖެހޭ ލައް ފިލުވުމަށް، ފެނާއި ލުނބޯހުތް އެއްވަރަށް އެއްކުރުމަށްފަހު، ލަށްޖެހިފައިވާ ތަނަށް ސްޕްރޭކުރުމަށްފަހު 10 ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު ދޮންނާށެވެ. ނުވަތަ ތިން ޖޯޑުފެނުގެ ތެރެއަށް އެއް ޖޯޑު ރާހު ތްއެޅުމަށްފަހު، ލަށްޖެހުނު ހެދުން ލާފައި 2 ގަޑިއިރުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

ވިނަ

އެންމެ ފުރަތަމަ ޑިޓަރޖެންޓްލައިގެން އެހެން އަންނައުނު ދޮންނަގޮތަށް ދޮވެލާށެވެ. ލައް ނުފިލިނަމަ، ރާހުތް ފޮދެއް އަޅާ ތެންމާލުމަށްފަހު 15 މިނިޓް ބަހައްޓާށެވެ. އެއަށްފަހު ފިނިފެނުން ދޮވެ ހިއްކާލާށެވެ. ނުވަތަ ތިން ސަމުސާ ބޭކިންގް ސޯޑާ ދެސަމުސާ ފެނުގެ ތެރޭގައި އެއްކޮށް "ޕޭސްޓެއް" ހަދާށެވެ. ލައް ޖެހިފައިވާ ތަނުގައި ބޯކޮށް އުނގުޅުމަށްފަހު ހިކެންދެން ބަހައްޓާށެވެ. މިގޮތަށްވެސް ނުފިލިނަމަ، ތައްޔާރުކުރި ޕޭސްޓްގެ ތެރެއަށް ބައިޖޯޑު ރާހުތް، އެއް ޖޯޑުފެން އަދި އެއް ސަމުސާ ޑިޓަރޖެންޓް އެއްކުރުމަށްފަހުން ހެދުން އޭގެ ތެރެއަށް ލާށެވެ. 1-2 ގަޑިއިރުފަހުން އާދައިގެ ފެނުން ދޮވެލާށެވެ.

ކާއެއްޗެހި

ފެންފޮދެއް ކެއްކުމަށްފަހު، ލައް ޖެހިފައިވާ ހެދުން ތިރީގައި ބާއްވައި ވީ އެންމެ މައްޗަކުން ހޫނުފެން އޮއްސާލާށެވެ. ގޮނޑިއެއްގެ މައްޗަށްވެސް އެރިދާނެ އެވެ. އެންމެ މަދުވެގެން 2 ފޫޓުގެ އުސްމިން ހުންނަންވާނެ އެވެ. ނުވަތަ ދަތްއުނގުޅާބޭސް ކޮޅެއް ޖެއްސުމަށްފަހު، ނަރުތައް މަޑު، ދަތްއުނގުޅާ ބުރުހަކުން މަޑުންމަޑުން އުނގުޅާށެވެ. ނުވަތަ ލައް ޖެހިފައިވާ ތަނުގައި ހުދުޗޯކު އުނގުޅާލުމަށްފަހު 30 މިނިޓް ބަހައްޓާފައި، ދޮވެލާށެވެ.

ލޭ

ފިނިފެނުގައި ހެދުން ބައްވާށެވެ. އަވަހަށް ލައް ފިލަމުން ނުދާނަމަ އައިސްކިއުބް އަޅާށެވެ. އެއްޖޯޑު ފެނުގެ ތެރެއަށް ދެ ސަމުސާ ލޮނު އެޅުމަށްފަހު، ލޭ އުނގުޅިފައިވާ ހެދުން އޭގެ ތެރޭގައި އެއް ގަޑިއިރު ބައްވާށެވެ. ލައް ޖެހިފައިވާ ތަނަށް ލުނބޯހުތް ޖެހުމަށްފަހު ހިކުމުން ދޮންނާށެވެ. ބޭކިންގް ސޯޑާ ނުވަތަ އެސްޕްރިން، ކުޑަ ފެންފޮދެއްގައި އެއްކޮށް "ޕޭސްޓް" ހެދުމަށްފަހު ލައް ޖެހިފައިވާ ތަނުގައި އުނގުޅާފައި ހިކެންދެން ބަހައްޓާށެވެ. ހިކުމުން މެޝިނަށް ލައިގެން ދޮވެ ހިއްކާށެވެ.

ދަބަރު

ލައް ޖެހިފައިވާ ހެދުން ބާ ތުވާއްޔެއްގެ މަތީގައި ބޭއްވުމަށްފަހު، ލައް ޖެހިފައިވާ ހިސާބަށް ރާހުތް އަޅާށެވެ. ދެން ލުނބޯ ފަޅި އަކުން މަޑުމަޑުން އެއް މިނެޓް ވަންދެން އުނގުޅާލާށެވެ. ހިކެންދެން އަވީގައި ބަހައްޓާށެވެ. ހިކެމުންދާ ވަރަކަށް ލައްވެސް ފިލަމުންދާނެ އެވެ. ނުވަތަ ލޮނާއި ލުނބޯހުތް އެއް ކުރުމަށްފަހު ލައް ޖެހިފައިވާ ތަނުގައި ބޯކޮށް އުނގުޅާށެވެ. ހިކުމުން މެޝިނަށް ލައިގެން ދޮވެ ހިއްކާލާށެވެ.