ބަލިވެއިނުމަށް މަސައްކަތް ކުރަން ބޭނުންނަމަ ހަށިގަނޑު ބަރުދަން ހެޔޮވަރެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ބަރުދަން އިތުރުވުން ނުވަތަ ލުއިވުމުގެ ސަބަބުން އަންހެނުންގެ ދަރިމައިވުމުގެ މައްސަލަތަކަށް މަގުފަހިވެ އެވެ.

ދަރިމައިވުމަށް ދަތިތައް ކުރިމަތިވާ އަންހެނުންގެ 12 ޕަސެންޓް އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކުގެ މައި ސަބަބަކަށް ވަނީ ބަރުދަން ލުއިވުން ނުވަތަ އިތުރުވުން ކަމަށް ބެލެވެ އެވެ. އެކަށީގެންވާ މިންވަރަށްވުރެ ބަރުދަން އިތުރުވުމުން ނުވަތަ ލުއިވާނަމަ އަންހެނާގެ ބިސްރަވަ (އޯވަރީ) އިން ބިސް ބޭރުވުމަށް ހުރަސްއެޅި ދަރިމައިވުމުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހެ އެވެ. މީހާ ހެލިފެލިވެ އުޅެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމުން ދަރިމައިވުމުގެ ފުރުސަތު އިތުރުވެ އެވެ.

އެއީ ހަށިގަނޑުގެ ސަރުބީ ހޯމޯންތަކުގެ ތަބީއަތަށް ގެނުވާ އަސަރުގެ ސަބަބުން ބިސް ދޫކުރުމަށް އަސަރުކުރުމުންނެވެ. ފަލަ މީހުންނަށް ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް), ޓިއުބަލް އިންފެކްޝަން އަދި އެންޑޯމެޓްރިއޯސިސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވުމުން ވެސް ބަލިވެ އިނުމަށާއި ބަލިވެއިނުމަށްފަހު އުނދަގޫތަކާއި ކުރިމަތިލާން ޖެހެ އެވެ.

ހިކިވުމާއި ފަލަވުމުން ބަލިވެ އިނުމަށް ހުރަސް އަޅާ ގޮތް ތަފާތުވެ އެވެ. ހިކިވުމުން ވިހަންޖެހޭ ތާރީހަށް ވުރެ އަވަހަށް ވިހެއުމާއި ވިހާ ކުއްޖާގެ ބަރުދަން ލުއިވާން މެދުވެރިވެ އެވެ. ފަލަވުމުން ގާތްގަނޑަކަށް ބަލިވެއިނުމުގައި ދިމާވާ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެ އެވެ. އޭގެ ތެރޭގައި ބައިގެންދިއުމާއި ލޭގެ ޕްރެޝަރު މަތިވުން ހިމެނެ އެވެ..

ބަރުދަނަކީ އޭގެ ސަބަބުން ފިރިހެނުންނާއި އަންހެނުންނަށް ވެސް ދަރިން ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވާ އަދި ބަލިވެއިނުމުން މަންމައާއި ދަރިފުޅައް އަސަރު ފޯރުވާ ކަމެކެވެ. ނަމަވެސް ހިކިވިޔަސް ނުވަތަ ފަލަވިޔަސް ބައެއް މީހުންނަށް އުނދަގުލަކާއި ނުލާ ބަލިވެއިނުމުގެ މަރުހަލާ ކަޑައްތު ކުރެވިދާނެ އެވެ. އިސްކަންދޭންވީ މީހާ ދުޅަހެޔޮ ސިއްހަތަކަށް އާދަކޮށް ލިބޭ ދަރިން ވެސް އެގޮތުގައި ބޮޑުކުރުމެވެ