ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނަކީ ގިނަފަހަރަށް އަހަރުމެންނަށް އަޅާނުލެވި ފަރުވާ ކުޑަ ކުރެވޭ އެއްޗެއްސެވެ. އެހެން ހުރެ ހަޑިއާއި ހިރަފުސް އެކުވެ އެންމެ ފަހުން ހަލާކުވެ ދަނީ އެވެ. މި ލިޔުމުގައި މި ބަލާލަނީ ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު ސާފު ކުރާނަ ބައެއް އުކުޅު ތަކަށެވެ.

ދޮންނަމެޝިން

ފަހުގެ ގިނަ އޮޓޯމެޓިކް މެޝިންތަކުގައި އެތެރެ ސާފްކުރެވޭނެ ޕްރޮގްރާމެއް އެކުލެވިގެންވެ އެވެ. އެހެންކަމުން މެޝިންތެރެއަށް ކުޑަ ރާހުތް ކޮޅެއް އެޅިދާނެ އެވެ. ދޮންނަމެޝިންގެ އެތެރެ ސާފުކުރުމަށް ހާއްސަ ލިކުއިޑް ސައިބޯނި ވެސް ބާޒާރުގައި ލިބެން ހުންނަ އިރު މިފަދަ އެއްޗެއް ބޭނުން ކޮށްގެން މެޝިން ސާފު ކުރުމަށް ޖެއްސިދާނެ އެވެ. މިގޮތަށް މެޝިން ސާފުކޮށްލުމުން މެޝިނުގެ އެތެރޭގައި ހަރުލާ ފޮނާއި ހެދުމުގެ ކުނޑީގެ ސަބަބުން އުފެދޭ ނުބައިވަސް ނައްތާލަ އެވެ.

އައިސްއަލަމާރި

ގަވާއިދުން އައިސް އަލަމާރި ސާފު ކުރާނަމަ އައިސް އަލަމާރި ހުސްކުރުމަށްފަހު ފެންފޮދެއްގެ ތެރެއަށް ސައިބޯނި ކޮޅެއް އަޅައިގެން ފޮތިކޮޅަކުން ފްރިޖުގެ ބައިތައް ސާފު ކުރެވިދާނެ އެވެ. ހާއްސަކޮށް މަހުގެ ބާވަތްތައް ބަހައްޓާ ބައި ގަވާއިދުން ސާފުކުރުމަކީ މުހިއްމު ކަމެކެވެ. އަދި ފާރު ކައިރީގައި އައިސް އަލަމާރި ހުންނަނަމަ އައިސް އަލަމާރި ދާމާލުމަށްފަހު ފްރިޖުގެ ފަހަތުގައި ހުންނަ ހިރަފުސް ފޮޅާލުމަށްފަހު ވައި ދައުރުކުރެވޭހެން ބެހެއްޓުން މުހިއްމެވެ.

އަވަން

އަވަނަކީ އާންމުގޮތެއްގައި ބޭނުންކުރާނަމަ އެތެރެ ވަރަށް އަވަހަށް ހަޑިވާ އެއްޗެކެވެ. އަވަންތެރޭ ހަރުލާފައި ހުންނަ އެއްޗެހި ސާފު ކުރުމަށް ހޫނު ފެންކޮޅަކަށް ސައިބޯނި އެޅުމަށްފަހު ލޮނުކޮޅަކާއި ބޭކިން ސޯޑާ އަދި ތަށި ދޮންނަން ބޭނުންކުރާ ސައިބޯނި އެއްކުރުމަށްފަހު އަވަންތެރެ އޭގެން އުނގުޅާލާށެވެ. ސްޓެއިންލެސް ސްޓީލް އަވަނެއްނަމަ ސްޕޮންޖު ނުވަތަ ފޮތިކޮޅެއް ސައިބޯނި ފެންފޮދަކަށް ލުމަަަށްފަހު ރަނގަޅަށް ފެލާލާފައި ސާފުކޮށްލާށެވެ.

މައިކްރޯވޭވް

މައިކްރޯވޭވް ގެ އެތެރޭގައި ހުންނަ ނުބައި ވަސް ކަނޑުވާލުމަށް ޖޯޑެއް ނުވަތަ ތަށްޓަކަށް ފެންފޮދެއް އަޅައި ލުނބޯއެއް ތުނިކޮށް ފޮތިފޮތި ކޮށްލުމަށްފަހު ފެންފޮދަށް އަޅާފައި ދެ މިނެޓެއްހާއިރު ވަންދެން މައިކްރޯވޭވް ޖައްސާލާށެވެ. އަދި އެތެރެ ސާފު ކޮށްލުމަށް ސައިބޯނި ފެންފޮދަކާއި ފޮތިކޮޅެއް ބޭނުން ކުރެވިދާނެ އެވެ.

އިސްތިރި

އިސްތިރި ސާފުނުކޮށް ގިނަދުވަހު ބޭނުންކުރުމުން އިސްތިރީގެ ދަށުގައި ހަޑި ހަރުލާ އިސްތިރި ތަތްލާ ގޮތްވެ އެވެ. އިސްތިރި ހޫނު ކޮށްލުމަށްފަހު ދަށުގައި ޕެނަޑޯލް ގުޅައެއް އުނގުޅާލާށެވެ. އެއަށްފަހު ފޮތިގަނޑަކުން ދަށް ފުހެލުމުން އިސްތިރީގެ ދަށުގައި ހަރުލާފައި ހުންނަ ހަޑި ނެއްޓޭނެ އެވެ.