ލަންޑަން (30 ޖެނުއަރީ) - ޔޫރަޕްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި އެމެރިކާއަށްފަހު އިނގިރޭސި ވިލާތުން ވެސް ޔޫކްރެއިން - ރަޝިއާ ގުޅޭ ބޯޑަރަށް އެގައުމުގެ ސިފައިން ފޮނުވަން ނިންމައިފި އެވެ.

އިނގިރޭސި ވިލާތުން ވަނީ ޔޫކްރެއިންއަށް ރަޝިއާއިން ހަމަލާއެއް ދިނުމަކީ ދެ ފަރާތަށް ވެސް އޭގެ ހިތި ނަތީޖާ ފެންނާނެ ކަމެއް ކަމަށާއި ނޭޓޯއިން ޔޫރަޕްގެ ސަލާމަތަށް ނުރައްކާވިޔަ ނުދޭނެ ކަމަށެވެ.

އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އޮފީހުން ބުނި ގޮތުގައި ރަޝިއާއާ ދެކޮޅަށް ނުކުންނަ ނޭޓޯގެ ފައުޖު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ސިފައިންނާއި ހަތިޔާރު ފޮނުވުމަށް ޖޯންސަން ވިސްނަވަމުންދާ ކަމަށެވެ.

"މިކަމުން ރަޝިއާއަށް ވަރަށް ސާފު މެސެޖެއް ލިބިގެންދާނެ. ނޭޓޯގެ މެމްބަރުންނަށް އަހަރުމެންގެ އެއްބާރުލުން އަަބަދުވެސް ލިބޭނެ އަދި ސަރަހައްދީ ސުލްހަ ނަގާލުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުވާނެ،" ޖޯންސަންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އަންނަ ހަފްތާ ތެރޭގައި އިނގިރޭސި ސިފައިންގެ ލަޝްކަރެއް ޔޫކްރެއިންއަށް ފޮނުވުމުގެ އަމުރެއް ނެރެފައިވާނެ ކަމަށެވެ.

ޔޫކްރެއިންއާއި ރަޝިއާގެ މަޝްރަހު އިންތިހާއަށް ހޫނުވެފައިވާއިރު މަޝްރަހު ފިނިކުރުމަށްޓަކައި ރަޝިއާއާއި ނޭޓޯއީ ދެމެދު ކުރެވުނު މަޝްވަރާތައް ވަނީ ނާކާމިޔާބު ވެފަ އެވެ.

މި މައްސާލައާ ގުޅިގެން ބޮރިސް ޖޯންސަން އަންނަ މަހު ޔޫކްރެއިންއަށް ދަތުރެއް ކުރައްވަން ހަމަޖެހިފައިވާއިރު ރަޝިއާގެ ރައީސް ވްލަމިދިރު ޕުޓިންއާ ވެސް ފޯނުން ވާހަކަ ދައްކަވާނެ އެވެ. -- އަލް އަރަބިއްޔާ