އަބޫދާބީ (31 ޖެނުއަރީ) - ތިން ހަފްތާ ތެރޭގައި ތިންވަނަ ހަމަލާއެއް އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫތީންގެ ފަރާތުން ޔޫއޭއީއަށް އަމާޒު ވެއްޖެ އެވެ.

އާދީއްތަ ދުވަހު ހޫތީން ފޮނުވާލި މި ބެލިސްޓިކް މިސައިލް ހަމަލާ ވަނީ ޔޫއޭއީގެ ދިފާއީ ބާރުތަކުން ހުއްޓުވައި ނައްތާލާފަ އެވެ. އަދި މިސައިލް ލޯންޗު ކުރެވުނު ސަރަހައްދަށް ހަމަލާދީ އެ ސަރަހައްދު ވެސް ވަނީ ޔޫއޭއީއިން ނައްތާލާފަ އެވެ.

އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ބުނި ގޮތުގައި މިސައިލް ހުއްޓުވުމުގެ ތެރޭގައި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިސައިލްގެ ބައިތައް ވެއްޓިފައިވަނީ މީހުން ދިރިނޫޅޭ ފަޅު ސަރަހައްދަކަށް ކަމަށެވެ.

"ޔޫއޭއީގެ ސަލާމަތީ ބާރުތަކުން ވަނީ ކާމިޔާބު ކަމާއެކު މިސައިލްއެއަ ހުއްޓުވައި މިސައިލް ލޯންޗުކުރި ސައިޓު ވެސް ހޯދާފައި،" އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ޑިފެންސް މިނިސްޓްރީއިން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ކުރިމަތިވެދާނެ މިފަދަ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް ވެސް ބުނެފަ އެވެ.

މި މިސައިލްއަކީ މިދިޔަ ތިން ހަފްތާ ތެރޭގައި ހޫތީން ޔޫއޭއީއަށް ދިން ތިންވަނަ ހަމަލާ އެވެ. ފުރަތަމަ ދިން ޑްރޯން ހަމަލާގައި ތިން މީހަކު މަރުވި އިރު ދެވަނައަށް ދިން މިސައިލް ހަމަލާ ސަލާމަތީ ބާރުތަކުން ވަނީ ހުއްޓުވާފަ އެވެ.

ހޫތީންގެ މި ހަމަލާތަކަކީ ޔަމަނުގައި އެ ޖަމާއަތުން ކުރިއަށް ގެންދާ ހަރަކާތްތަކަަށް އަރަބި ކޯލިޝަނުން ހުރަސް އަޅަމުން ގެންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ