އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި އަނެއްކާ ވެސް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ކުރިން ތާވަލް ކޮށްފައިވާ ތާރީހުގައި މައްސަަލަ ކުރިއަށް ނުގެންދިޔައީ މި މައްސަލަ ބަލާ ސެކްޝަނުގައި ހުންނަ ކޯޓު އޮފިސަރު މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ކަމަށެވެ.

މި މައްސަލައަކީ ހުރިހާ ފަރާތްތަކެއް ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މައްސަލައެއް ކަމަށާއި މައްސަލައިގެ ބާވަތުން މިއީ ގިނަ ނޫސްވެރިން ވެސް ވަންނަން ބޭނުންވާ މައްސަލައެއް ކަމުން ކޯޓު ރޫމް މެނޭޖްކުރުމަށް ހުންނަ އޮފިސަރު ބަލިން ފަސޭހަވެފައި ވާތީ މި މައްސަލަ ފެށުމަށް އަލުން ތާވަލުކޮށްފައިވާ ކަމަށެވެ.

މަހުލޫފުގެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިނިސްޓަރު މަހްލޫފުގެ މައްސަލަ ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތު ރަނގަޅު ވަންދެން ފަސްކުރަން ނިންމާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ނޫން ކަމަށެވެ.

ކޮވިޑާ ގުޅިގެން މިނިސްޓަރު މަހްލޫފްގެ ޝަރީއަތްތައް ފަސްކުރި ނަމަވެސް އެ ކޯޓުގައި ކުރިއަށްދާ އެހެން ޝަރީއަތްތައް ބާއްވަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ. އަދި މިހާރު ގިނަ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މަހުލޫފުގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަސްކުރުމުން މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގައި މަހްލޫފްވަނީ ދާއިރާގެ 3 ރަށުގައިވެސް ހަރަކާތްތެރިވެފަ އެވެ.

ރިޝްވަތު ނެގި ކަމުގެ ދައުވާ މަހްލޫފަށް ކޮށްފައި ވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ އެވެ.