ދޫނިތައް މަރާލެވުމުން އެކަމާ ހިތާމަ ކުރާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ދޫނިތައް މަރާލި މައްސަލައިގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދޫނިތައް ނައްތާލެވުނީތީ ހިތާމަ ކުރާކަމަށެވެ. ނަމަވެސް މިނިސްޓްރީގެ ނިންމުން ދިފާއުކޮށް ބަޔާނުގައި ބުނެފައިވަނީ މިފަދަ ކަންކަން ހިނގަނީ ދޫނިތައް އެތެރެ ކުރާ މީހުން އިޖުރާއަތްތަކާއި ހިލާފު ވުމުން ކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރާއި ގަސްގަހާގެހި އިންސްޕެކްޓްކޮށް ކަރަންޓީންކުރުމަކީ ރާއްޖޭގެ ގާނޫނީ އިޖުރާއަތްތަކާއި ބައިނަލްއަގުވާމީ މުއާހަދާއާއި އެއްގޮތަށް އެ މިނިސްޓްރީން ފޯރުކޮށްދިނުން ލާޒިމްކުރާ އަސާސީ ހިދުމަތެއް ކަމަށެވެ. އެ ގޮތުން ގާނޫނާއި ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ނައްތާލަންޖެހޭ ހާލަތްތަކުގައި ގާނޫނާއި ގަވާއިދާއި އެއްގޮތައް ނައްތާލަމުން އައިސްފައިވާކަން ފާހަގަކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ދޫނިތައް ނައްތާލުމާއި ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް އެކުލަވައިލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީއަށް އަންގަވާފަ އެވެ.

"އެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް މިދަނީ ކުރަމުން. މި ރިޕޯޓަކީ ލިބެންހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަން ހިނގި ގޮތުގެ ހަގީގަތް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވައިލާ ރިޕޯޓެއް." ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.