މޮސްކޯ (12 ފެބްރުއަރީ) - ޔޫކްރެއިންގައި ތިބި ރަޝިއާގެ ޑިޕްލޮމެޓިކް މުވައްޒަފުން އެ ގައުމުން ފޮނުވާލައި ރަޝިއާގެ ރައްޔިތުން ޔޫކްރެއިންއިން މަދު ކުރަން އުޅޭ ކަމުގެ އިޝާރާތެއް އެ ގައުމުގެ ފޮރިން މިނިސްޓްރީން ދީފި އެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވިދާޅުވީ ޔޫކްރެއިންގައި ތިބި އެގައުމުގެ މަދު ޑިޕްލޮމެޓިކް މުވައްޒަފުންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނެ ކަމަށެވެ.

ޔޫކްރެއިންގައި ތިބި ރަޝިއާގެ މުވައްޒަފުން ފޮނުވާލައި މަދު ކުރަނީކަން ޔަގީން ކޮށްދީފައި ނުވިޔަސް މާރިއާ ވަނީ މި ނިންމުމަކީ ރަޝިއާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ހުޅަނގުން ދެމުން އަންނަ އިންޒާރުތަކުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ.

ޑިޕްލޮމެޓިކް މުވައްޒަފުން މަދު ކުރާނެ ކަމުގެ އިޝާރާތެއް ދިން ނަމަވެސް ޔޫކްރެއިންގައި ހުންނަ ރަޝިއާގެ އެމްބަސީގެ ހިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ދަނީ ލިބެމުންނެވެ.

ރަޝިއާގެ މި އިޝާރާތަކީ އެގައުމުގެ ހަމަލާއެއް ޔޫކްރެއިންއަށް ދިނުމުގެ ކުރިން ރަޝިއާ ރައްޔިތުން ޔޫކްރެއިންއިން ފޮނުވާލަން އުޅޭ ކަމުގެ އިޝާރާތެއް ކަމަށް ހުޅަނގުން ބުނެ އެވެ.

ރަޝިއާގެ ހަމަލާއެއް ޔޫކްރެއިންއަށް ކޮންމެ ވަގުތަކު ވެސް ކުރިމަތިވެދާނެ ކަމަށް އެމެރިކާއިން އިންޒާރު ނެރުމާއެކު އެމެރިކާގެ އިތުރުން ހުޅަނގުގެ ގިނަ ގައުމުތަކުން ވެސް ވަނީ ޔޫކްރެއިންގައި ތިބި އެގައުމުގެ ރައްޔިތުން ފައިބަން އަންގާފަ އެވެ. -- އަލް އަރަބިއްޔާ