ކީވް (12 ފެބްރުއަރީ) - ރަޝިއާގެ ކަނޑުގެ އަސްކަރިއްޔާއިން ކަޅު ކަނޑުގެ ސަރަހައްދެއްގައި އެގައުމުގެ އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.

ރަޝިއާގެ ޑިފެެންސް މިނިސްޓްރީއިން ބުނީ އަސްކަރިއްޔާގެ މި އޮޕަރޭޝަން ޑްރިލްތަކުގައި 30 އަސްކަރީ ބޯޓު ހަރަކާތްތެރިވާނެ ކަމަށެވެ.

"މި އޮޕަރޭޝަންގެ މައިގަނޑު މަގްސަދަކީ ރަޝިއާއަށް ކުރިމަތިވަމުން އަންނަ އަސްކަރީ އިންޒާރުތަކަށް ކުރިމަތި ލުމަށް ފުރިހަމައަށް ތައްޔާރު ވުން،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރަޝިއާއިން މި އޮޕަރޭޝަން ފަށާފައި މިވަނީ އެގައުމުގެ ހަމަލާއެއް ޔޫކްރެއިންއަށް ކޮންމެ ވަގުތަކު ވެސް ކުރިމަތިވެދާނެ ކަމަށް އެމެރިކާއިން ބުނެފައި ވަނިކޮށެވެ. ނަމަވެސް އެމެރިކާގެ މި ތުހުމަތުތައް ރަޝިއާއިން ދަނީ ދޮގު ކުރަމުންނެވެ.

ޔޫކްރެއިންއަށް ނޭޓޯގެ މެމްބަރުކަން ދިނުމުގެ މައްސަލާގައި ރަޝިއާއާއި ޔޫކްރެއިންގެ މަޝްރަހު ހޫނުވެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރީގައި ރަޝިއާގެ އަސްކަރީ ހަރަކާތްތައް އިތުރު ކުރުމާއެކު އެގައުމުގެ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވެދާނެ ކަމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ވަނީ ލަފާ ކޮށްފަ އެވެ.

މިކަމާ ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުގެ ރައްޔިތުން ވީހާވެސް އަވަހަކަށް އެގައުމު ދޫކޮށް ދިއުމަށް އިލްތިމާސް ކޮށްފަ އެވެ.

ރަޝިއާއިން ބްލެކް ސީގައި ފެށި މި އޮޕަރޭޝަނަކީ ޔޫކްރެއިންއަށް އަރައި ހަމަލާ ދިނުމަށް އެގައުމުން ވާ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެ އެވެ. -- އަލް އަރަބިއްޔާ