ކީވް (14 ފެބްރުއަރީ) - ރަޝިއާގެ އަސްކަރީ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި ރަޝިއާއާއެކު މަޝްވަރާ ކުރަން ޔޫކްރެއިންއިން ހުށައެޅި ހުށައެޅުމަކަށް އެ ގައުމުން ފުރަގަސް ދީފައިވާ ކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
ޔޫކްރެއިންގެ ފޮރިން މިނިސްޓަރު މީޓްރޯ ކުލެބޯ ވިދާޅުވީ ދެން އޮތް ފިޔަވަޅަކީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރަޝިއާއާއެކު ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ހުށައެޅުން ކަމަށެވެ.
ރަޝިއާއިން ޔޫކްރެއިންއާއި އެ ގައުމާ ގުޅޭ ބޯޑަރު ކައިރީގައި ސިފައިން ޖަމާކުރި ނަމަވެސް ޔޫކްރެއިންއަށް އަރައި ހިފަން އުޅޭ ކަމަށް ހުޅަނގުން ކުރާ ތުހުމަތުތައް ރަޝިއާއިން ވަނީ ދޮގު ކޮށްފަ އެވެ.
މީގެ ކުރިން އެމެރިކާއިންނާއި ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ކޮންމެ ފަދަ ވަގުތަކު ވެސް ރަޝިއާގެ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވެދާނެ ކަމަށް ބުނެ އިންޒާރު ނެރެފަ އެވެ.
އެގޮތުން ގިނަ ގައުމުތަކަކުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ޔޫކްރެއިންއިން ވަގުތުން ފޭބުމަށް އަންގައި އިލްތިމާސް ކޮށްފަ އެވެ.
ކުލެބޯ ވިދާޅުވީ ރަޝިއާގެ އަސްކަރީ ހަރަކާތްތަކާ މެދު ޖަވާބުދާރީވާން އެގައުމަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް އެ އެންގުންތަކަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.
ޔޫކްރެއިންއިން ރަޝިއާއަށް މި އިލްތިމާސް ކޮށްފައިވަނީ އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕްގެ އެއްބަސްވުމުގެ ދަށުންނެވެ. ރަޝިއާއަކީ މި ޖަމާއަތުގެ މެމްބަރު ގައުމެކެވެ.
ރަޝިއާގެ ހަމަލާއަކާ މެދު ބިރު ބޮޑުވެފައި ވީނަމަވެސް ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވަނީ ރަޝިއާގެ ހަމަލާއެއް އެގައުމަށް ކުރިމަތިވެދާނެ ކަމުގެ ސާފު ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.