ލަންޑަން (14 ފެބްރުއަރީ) - ޔޫކްރެއިނަށް ރަޝިއާގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އިނގިރޭސިވިލާތުން ޔޫކްރެއިންއަށް އަސްކަރީ އެހީއާއި އިގްތިސާދީ އެހީ ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރުމަށް ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަންނަ ހަފްތާ ތެރޭގައި ޔޫރަޕަށް ދަތުރެއް ކުރައްވާނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވެ އެވެ.

"ޔޫކްރެއިން - ރަޝިއާ މަސްރަހު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ހުރިހާ ހެކިތަކެއް ބުރަވަނީ ރަޝިއާގެ ހަަމަލާއެއް ކޮންމެ ވަގުތަކު ވެސް ކުރިމަތިވެދާނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރެއިން ބޯޑަރު ކައިރީގައި 100،000 އަށްވުރެ ގިނަ ސިފައިން ޖަމާ ކޮށްފައި ވީނަމަވެސް އެ ގައުމުން އަންނަނީ ޔޫކްރެއިންއަށް ހަމަލާއެއް ދޭން އުޅޭ ކަމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ބުނާ ބުނުން ދޮގުކުރަމުންނެވެ.

މި އެހީގެ ދަށުން އިނގިރޭސިވިލާތުން ފޯރުކޮށްދޭނެ އެހީގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވޭނެ ކަމަށް ބޮރިސް ޖޯންސަންގެ އޮފީހުން ބުނެ އެވެ.

"އަދިވެސް މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އެބައޮތް. ބޮޑުވަޒީރު ދާނީ އެކަމަށް ގަދައަޅާ މަސައްކަތް ކުރަމުން،" އޮފިޝަލު އިތުރަށް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ޖަރުމަނު އަދި ލިތުއޭނިއާއިން ވަނީ މިހާތަނަށް ޔޫކްރެއިންއަށް އަސްކަރީ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ