ހުރިހާ ރަށެއްގައި ތާރު އެޅުން އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކޮންމެ ރަށެއްގައި ތާރު އަޅަން ނުޖެހޭނެ ކަމަށާއި، ތާރު ނާޅައި ރާއްޖޭގައި މަގުތައް ހެދޭނެ ތިން ވަނަ ގޮތެއް އަދި ހަތަރުވަނަ ގޮތެއް ވެސް އެބައޮތް ކަމަށެވެ.

އަސްލަމް ވިދާޅުވީ މެދުމިންވަރެއްގެ ޓްރެފިކް ހުންނަ ރަށްރަށުގައި ވެސް ތާރު ނާޅައި ފުއްދައި ލެވިދާނެ ކަމަށެވެ. "ހުރިހާ ރަށެއްގައި ތާރު އަޅަން ދާން އެއީ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން ޖަޒީރާ ރަށްތަކެއްގައި ދިރިއުޅޭއިރު ޖަޒީރާ ވަންތަކަން ވެސް ހުންނާން އެބަޖެހޭ. އެހެން ބަޔަކަށް އަޑުއަހަން އުނދަގޫ ވެދާނެ. ރަނގަޅު ވެރިންނަކީ މަގު ދައްކައިގެން ކަންކަން ކުރާ މީހުން. ދައްކާ މަގުން ހިނގުމުގެ ބަދަލުގައި މަގު ދައްކައިގެން ރައްޔިތުންނަކީ އެކު ހިނގާ ވެރިން." އަސްލަމް ވިދާޅުވި އެވެ.

ހުރިހާ ރަށެއްގައި ބޮޑުހިލަ ޖަހަނީ ކީއްވެތޯ ސުވާލު ކުރުމުން ވެސް މެންބަރު އަސްލަމް ވިދާޅުވީ އެއްރަށުގައި ބޮޑު ހިލަ ޖެހުމަށް ފަހު އަނެއް ރަށުގައި ބޮޑު ހިލަ ނުޖަހައި ދެން ކުރިއަށް ދިއުމަކީ ދަތި ކަމެއް ކަމަށެވެ. "މިސާލަކަށް ފަރެސްމާތޮޑާ. ބޮޑުހިލަ ޖަހާކަށް ނުޖެހޭ." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބޮޑު ހިލަ ހުރިހާ ރަށެއްގައި ޖަހަން ނުޖެހުނު ނަމަވެސް އެކަން ރައްޔިތުންނަށް ވިސްނައި ދިނުން އެއީ ވަރަށް ދަތިކަމަކަށް ވެފައިވާ ކަމަށެވެ.