މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލްމު އުނގެނޭށޭ ބުނެ އުޅެ އެވެ. އެކަމަށް ވަކި އުމުރެއް ނޯވެ އެވެ. ކެންޔާއަށް ނިސްބަތްވާ އަންހެނަކު ދަނީ އެކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދެމުންނެވެ.

އަންނަ ހުކުރު ދުވަހު 99 އަހަރު ފުރޭ ޕްރިސިލާ ސިތިނެއި ދަނީ އޭނާއަށްވުރެ އުމުރުން 80 އަހަރު ހަގު ކުދިންނާއެކު ސްކޫލަށް ގޮސް ކިޔަވަމުންނެވެ. އޭނާ މިހާރު ކިޔަވަމުން ދަނީ ގްރޭޑު ހައެއްގެ ފެންވަރުގަ އެވެ.

"އަހަންނަކީ މީގެ ކުރިން ފޫޅުމައެއް. އެހެންވީމަ ވަރަށް ބޭނުން ޑޮކްޓަރަކަށް ވާން" ސިތިނެއި ބުންޏެވެ.

ކެންޔާގެ ސަރުކާރުން ތައުލީމު އުނގެނުމަށް ސަބްސިޑީ ދޭން ފެށުމާއެކު ޅަ އުމުރުގައި ކިޔެވުމުގެ ފުރުސަތު ނުލިބުނު ސިތިނެއި ފަދަ އިސް ރަށްވެހިންނަށް ވަނީ ކިޔެވުމުގެ މަގު އަލުން ފަހިވެފަ އެވެ.

ސިތިނެއިގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެ އޭނާ އެކްޓުކުރި ފިލްމެއް ނެރެފައިވާއިރު އޭނާ ވަނީ މި ފިލުމުގެ ޕްރިމިއާއަށް މިދިޔަ އަހަރު ޕެރިސްއަށް ވެސް ގޮސްފަ އެވެ.

ސިތިނެއި ބުނީ އޭނާގެ އުއްމީދަކީ ފިލްމީ ތަރިއަކަށް ވުން ނޫން ކަމަށާއި އޭނާގެ ހުވަފެންތައް އެއަށްވުރެ މާ ބޮޑު ކަމަށެވެ.

ސިތިނެއި ބުނިގޮތުގައި ކިޔެވުން އަލުން ފެށުމުގެ ހިޔާލު އައީ އޭނާގެ މުނިމާމަ ދަރިފުޅު ސްކޫލުން ވަކިވުމާއެކު އޭނާގެ ސްކޫލު ސާމާނުތައް ބޭނުމެއް ނެތި ހުންނަތަން ފެނުމުން ކަމަށެވެ.

އުމުރުން 98 އަހަރުގައި ވެސް ސިތިނެއި އަންނަނީ އިލްމު އުނގެނި އޭނާއަށްވުރެ ޅަ ޖީލުތަކަށް ފުރިހަމަ މިސާލެއް ދައްކައި ދެމުންނެވެ.