ހަވީރު ފިންޏަށް ރީތިވެލަން ހެދުމެއް އިހްތިޔާރު ކުރާއިރު ހުދުކުލަ އަކީ ވަރަށް ގިނައިން ދޫކޮށްލެވޭ ކުލައެކެވެ. ހަޑި ވެގެންނެއް ނޫނެވެ. ކިތަންމެ ރީތި ހުދު ހެދުމެއް ލީ ނަމަވެސް އުޅޭ އުޅުމުގައި ދާހިއްލައިފި ނަމަ ހެދުމުގައި ލައްޖަހާ ހެދުމުން ނުބައި ވަސް ދުވާނެތީ އެވެ.

ހެދުމުގައި ލައްޖަހާ ނުބައި ވަސް ދުވަނީ ފޮތީގައި ޖަރާސީމު އާލާ ވުމުންނެވެ. މިކަން ހުއްޓުވައި އަތުގައި އޮތް އެންމެ ރީތި ހުދު ހެދުން ލުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ހުރެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ހުދު ހެދުމެއް ލުމުގެ ކުރިން ރީތިކޮށް ފެންވަރާލުން މުހިއްމެވެ. އެއަށްފަހު ރަނގަޅު ޑިއޯޑްރަންޓްއެއް ޖަރާސީމު ގިނައިން އަށަގަންނަ ތަންތަނުގައި އުނގުޅަންވާނެ އެވެ. މީގެ ތެރޭގައި ދެއަތް ދަށާއި މޭމަތީގެ ސަރަހައްދު ހިމެނެ އެވެ.

އެވަރުންވެސް ލައް ޖަހައި ވަސް ދުވާނަމަ އެ ހެދުމެއް ވީ އެންމެ އަވަހަކަށް ދޮވުން ބުއްދިވެރި އެވެ. އެހެން ހެދުންތަކާއެކު ދޮންނަން ބާއްވައި ގިނަދުވަސް ވާނަމަ ވަހާއި ލައް ފިލުވަން އުނދަގޫވާނެތީ އެވެ.

އެގޮތުން މިފަދަ ހެދުންތައް މެޝިނުން ދޮވުމުގެ ކުރިން ކުޑަ ބޭކިން ޕައުޑަރު ކޮޅެއް އަޅައި ފެނު އަޅާފައި ދެގަޑިއިރެއްހާއިރު ބެހެއްޓުމުން ލައް ފިލުވަން ފަސޭހަވާނެ އެވެ.

މި ފަސޭހަ އުކުޅާއެކު ހުދުކުލައަކީ ތިބާގެ ހެދުން އަލަމާރިން ގިނައިން ޖާގަ ހޯދާނެ ކުލައަކަށް ހެދިދާނެ އެވެ. ހުދު ކުލައަށް ވީތީ އެންމެ ރީތި ހެދުން ބޭނުން ނުކޮށް ހުންނާކަށް ނުޖެހޭނެ އެވެ.