މޮސްކޯ (20 ފެބްރުއަރީ) ރަޝިއާ- ޔޫކްރެއިން މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ރަޝިއާއިން ނިއުކްލިއާ އޮޕަރޭޝަނެއް ފަށަން ރައީސް ވްލަޑިމިރް ޕުޓިން އަންގަވައިފި އެވެ.

މިއާއެކު އެމެރިކާއިން ވަނީ ޔޫކްރެއިން ބޯޑަރު ކައިރީގައި ތިބި ރަޝިއާ ސިފައިން ޔޫކްރެއިންއަށް އެރުމަށް އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ބުނެފަ އެވެ.

މި އޮޕަރޭޝަންގެ ތެރޭގައި ބެލިސްޓިކް އަދި ކްރޫޒް މިސައިލްތައް ޓެސްޓު ކުރެވޭނެ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީއިން ބުނެފައިވެ އެވެ.

ފަހުގެ ތާރީހެއްގައި ޔޫރަޕްގައި ހިނގާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ހަމަނުޖެހުން ފެށުމަށް ރަޝިއާގެ ސިފައިންގެ ލަޝްކަރު މަޑުމަޑުން ކުރިއަށް ޖެހެމުން އަންނަ ކަމަށް އެމެރިކާގެ ޑިފެންސް ސެކެޓްރަރީ ލޮއިޑް އޮސްޓިން ވިދާޅުވި އެވެ.

"ހަނގުރާމައަކަށް ނުގޮސް ރަޝިއާއިން ސުލްހަވެރިކަން އިސްކުރާނެ ކަމަށް އުއްމީދު ކުރަން،" ލިތުއޭނިއާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޮއިޑް ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރެއިންއަށާއި ޔޫރަޕްގެ އެހެން ގައުމުތަކަކަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް އިންކާރުކޮށް އެކަމަށް ނޭޓޯއިން ދެކޮޅު ހެދުމުން ރަޝިއާއިން ވަނީ ޔޫކްރެއިން ބޯޑަރު ކައިރީގައި އެގައުމުގެ ސިފައިން އެއްކުރަން ފަށައިފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަކުރާރުކޮށް ރަޝިއާއަށް އިންޒާރު ދީފައިވާއިރު ރަޝިއާގެ އެންމެ ފުރަތަަމަ އަމާޒަކަށް ވާނީ ޔޫކްރެއިންގެ ވެރިރަށް ކީވް ކަމަށް ބައިޑަން ވިދާޅުވެ އެވެ.

އެމެރިކާއިން އަންނަނީ މިދިޔަ އަހަރުން ފެށިގެން ރަޝިއާގެ އަސްކަރީ ހަމަލާއެއް ޔޫކްރެއިންއަށް އަމާޒުވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ. -- އަލް އަރަބިއްޔާ