ކީވް (20 ފެބްރުއަރީ) - އިރުމަތީ ޔޫކްރެއިންގައި ރަޝިއާއަށް ވާގިވެރިވާ ޖަމާއަތްތަކާ އެގައުމުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ސިފައިންގެ ދެ މީހަކު މަރުވެ އިތުރު ހަތަމު މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފި އެވެ.

ޔޫރަޕްގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ މި ހަމަނުޖެހުންތަކަކީ ރަޝިއާއިން ޔޫކްރެއިންއަށް ދޭ ހަމަލާތަކުގެ ފެށުން ކަމަށް ލަފާ ކޮށްފަ އެވެ.

އަސްކަރިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ އިއްޔެ ރަޝިއާއަށް ވާގިވެރިވާ ފަރާތްތަކުން ސުލްހައިގެ އެއްބަސްވުމާ ޚިލާފު 70 އަމަލެއް ހިންގާފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާ ބަލާއިރު އިތުރުވުމެކެވެ.

މި ފަރާތްތަކުން ވަނީ އިރުމަތީ ޔޫކްރެއިންގެ އެކި އާބާދުތަކުގައި ބަރު ހަތިޔާރު ބޭނުންކޮށްގެން ބަޑީގެ ހަމަލާތައް ދީފަ އެވެ. މިފަދަ ހަތިޔާރު ގެންގުޅުމަކީ ވެސް ސުލްހައިގެ އެއްބަސްވުމުގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.

ރަޝިއާއަށް ވާގިވެރިވާ ފަރާތްތަކުން ވަނީ މިއީ ޔޫކްރެއިން އަސްކަރިއްޔާގެ ފިޔަވަޅުތަކަށް އެކަށޭނަ ރައްދު ދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެމެރިކާއިން މީގެ ކުރިން ހާމަކޮށްފައިވާ "ރަޝިއާގެ ހަނގުރާމައިގެ ޕްލޭން"ގައިވާ ގޮތުން އަސްލު ހަމަލާގެ ކުރިން ދުނިޔޭގެ ސަމާލުކަން އެކަމަކަށް ހުއްޓޭނެ ފަދަ ކަމެއް އެގައުމުން ކުރާނެ އެވެ.

އެގޮތުން މި ހަމަނުޖެހުންތަކަކީ އެ ޕްލޭންގެ ދަށުން ދުނިޔޭގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލުމަށް ރަޝިއާއިން ރާވައިގެން ހިންގާ އަމަލެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. -- އަލް އަރަބިއްޔާ