ކީވް (20 ފެބްރުއަރީ) - ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ހުޅަނގުގެ އެކި ގައުމުތަކުން ދެމުން އަންނަ އިންޒާރުތަކަށް އަމަލު ކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރު މީތުރޯ ކުލެބޯ ވިދާޅުވެއްޖެ އެވެ.

ހުޅަނގުގެ ގައުމުތަކަށް ރަޝިއާއާ ދެކޮޅަށް އަޅަން ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކުލެބާ ގޮވާލެއްވީ މިއުނިކްގައި ހުންނަވައިގެން ޓީވީ މެދުވެރިކޮށް ބޭއްވި ސެކިއުރިޓީ ކޮންފަރެންސެއްގަ އެވެ.

ކުލެބާ އިތުރަށް ވިދާޅުވީ އެގައުމުގެ މަޝްރަހުގައި ކަންތައް ވަމުން އަންނަ ގޮތް ފެންނަ ކަމަށާއި މިހާރުން މިހާރަށް ރަޝިއާ ހުއްޓުވަން ޖެހޭ ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ރަޝިއާއަށް ވާގިވެރިވާ ބެލަރުސްއިން ރަޝިއާއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންތައް ދިގުދަންމާލަން ނިންމާފައިވާކަން އިއުލާން ކޮށްފައި ވަނިކޮށެވެ. އެއާއެކު ރަޝިއާއިން ޔޫކްރެއިން ހިފަން އުޅޭ ކަމަށް ބުނާ ބުނުމަށް ވަނީ އިތުރު ބާރެއް ލިބިފަ އެވެ.

"މިއީ އަމަލު ކުރަން ޖެހޭ ވަގުތު، ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާނެ ކަމަށް ބުނެފައިވާ ފިޔަވަޅުތަކުގެ އެއްބައި ނަމަވެސް މިހާރުން މިހާރަށް އަޅަން ޖެހޭ ސަބަބުތައް ފެންނަން އެބަހުރި،" ކުލެބާ ވިދާޅުވި އެވެ.

ކުރިއަތް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާއާއި ހުޅަނގުން ދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. -- އަލް އަރަބިއްޔާ