ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު، ފުލުހުންގެ ބޯޑަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.

މިއީ ޑިސެމްބަރު 2020ގައި އަމަލުކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ދަށުން، ސީޕީ ޕޮލިސް ބޯޑަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

ފުލުހުންގެ ބޯޑަށް ސީޕީ ހާޒިރުކުރަނީ ދާދިފަހުން މާލެއާއި މާލެކައިރި އަތޮޅެއްގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ފުލުހަކު، އިޖުރާތެއް ގޯސްކޮށް ހިންގާފައިވާ ކަމަށް ބެލެވޭތީ، އެކަމާގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ "އިންޓަގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑު" އިފްތިތާހުކުރުމަށާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މާދަމާ 2 ޖަހާއިރަށް ޕޮލިސް ބޯޑަށް ހާޒިރުވުމަށް އެ ބޯޑުން އަންގާފައިވާ ކަމަށެވެ.

"މާދަމާ ދޭއް ޖަހާއިރު އަޅުގަނޑު ޕޮލިސް ބޯޑަށް އެބަ ހާޒިރުކުރޭ ކޮމިޝަނަރު އޮފް ޕޮލިސްގެ ހައިސިއްޔަތުން ޖަވާބުދާރީވާން. އެއީ ދާދިފަހަކުން މާލެ ސަރަހައްދުގައާއި އަދި މިތާކައިރި އަތޮޅެއްގައި ހިނގާދިޔަ އޮޕަރޭޝަނަކާއި ގުޅިގެން ފުލުހަކު އިޖުރާތެއް ހިންގުމުގައި، އިޖުރާތެއް ގޯސްކޮށް ހިންގީ ނުރަނގަޅު ނިޔަތެއްގައިކަމަށް އަޅުގަނޑުމެންގެ ދައުލަތުގެ ތެރޭގައި ބައެއް މުއައްސަސާތަކަށް ގަބޫލުކުރެވިގެން. އެ ސައްކު އޮވެގެން. އެ ސައްކު ޕްރޮސެކިއުޓަރ ޖެނެރަލުން ޕޮލިސް ބޯޑާއިވެސް ހިއްސާކުރުމާގުޅިގެން،" ސީޕީ ވިދާޅުވި އެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންނަށް ކަމެއް ގޯސްކޮށް ކުރެވޭކަމަށް ގަބޫލުކުރެވިގެން ޖަވާބުދާރީކުރުވުމަށް އެކި އިދާރާތަކުން މަސައްކަތްކޮށް، އެފަދަ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ މިއަދު ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއީ ފުލުހުންގެ މަސައްކަތްތައް މިހާރަށް ވުރެ ވެސް ޕްރޮފެޝަނަލްކޮށް، ޒިންމާދާރުކަމާއެކު ފުލުހުންގެ ވާޖިބު އަދާކުރުމަށް ވެސް އެޅޭ ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައިވާގޮތުގެ މަތީން "ޕޮލިސް ބޯޑު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލައްވާފައިވަނީ 9 އޭޕްރީލް 2021 ގަ އެވެ. މި ބޯޑު އެކުލަވާލައްވާފައި ވަނީ 7 މެމްބަރުންގެ މައްޗަށެވެ.

ފުލުހުންގެ ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި، ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ. ކޮންމެ ޕޮލިސް ބޯޑެއްގެ ދައުރުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ.

ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ހަތް މެންބަރުންނެވެ. ޕޮލިސް ބޯޑަށް މެންބަރުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.