އަވްދިވްކާ (22 ފެބްރުއަރީ) - އިރުމަތީ ޔޫކްރެއިންގެ ޑޮނެޓްސްކްގެ އަވަށެއް ކަމަށްވާ އަވްދިވްކާއަކީ މީސްކޮޅު މަދު އެހެން ނަމަވެސް އަމާން އަވަށެއްގެ ގޮތުގައި މީގެ ކުރިން ފާހަގަ ކުރެވިފައިވާ އަވަށެކެވެ.

ނަމަވެސް ޑޮނެޓްސްކް ކޮންޓްރޯލް ކުރަމުންދާ އިންގިލާބުގެ ބައިވެރިން ޔޫކްރެއިންގެ މައި ސަރުކާރާ ވަކިވެގަނެ 2015 ވަނަ އަހަރު އާ ދައުލަތެއް އިއުލާންކުރި ފަހުން އެ އަވަށަކީ ބިރުވެރި ނާމާން އަވަށަކަށް ވަނީ ވެފަ އެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ރަޝިއާއިން ޔޫކްރެއިން އަރައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، މި އަވަށުގެ ރައްޔިތުންނަކީ އެންމެ ފުރަތަމަ ނުރައްކަލަށް ހުށައެޅޭނެ މީހުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ހަނގުރާމައިގެ "ފްރަންޓް ލައިން"ގައި ތިބި މީހުންނެވެ.

މިފަހަކަށް އައިސް އިންގިލާބުގެ ބައިވެރިންނާއި ޔޫކްރެއިންގެ ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ. މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ އޮފިޝަލުންތަކެއް ވަނީ މަރު ވެސް ވެފަ އެވެ. އެއާއެކު އަވްދިވްކާގެ ރައްޔިތުންނަށް ވަނީ ބިރުވެރި ދުވަސްތަކެއް ކުރިމަތިވެފަ އެވެ.

އެ އަވަށުގައި ދިރިއުޅޭ 39 އަހަރުގެ އެނާ ވެލިޗްކޯއަކީ މި ހަމަނުޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހެކެވެ.

"މިވަގުތުގެ ހާލަތު ވަރަށް ގޯސް. މިހާރު މި ފެންނަނީ 2015 ވަނަ އަހަރު ވެސް ފެނުނު މަންޒަރު،" މީގެ ހަތް އަހަރު ކުރިން އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކަށް އިޝާރާތްކޮށް އެނާ ބުންޏެވެ.

އެ ހަމަނުޖެހުންތަކުގައި ވެސް ދުވާލަކު އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

އެނާގެ ކަންބޮޑުވުން އިތުރުވީ ރޭގެ ވަގުތެއްގައި ޑޮނެޓްސްކްގެ އިންގިލާބީ ދައުލަތް ވަކި ދައުލަތެއްގެ ގޮތުގައި ރަޝިއާއިން ބަލައިގަތުމުންނެވެ. ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ކުރިން ވެސް އޮތް އިރު ރަޝިއާގެ އެ ނިންމުމާއެކު އެގައުމުގެ ސިފައިން ވެސް އެ ސަރަހައްދަށް އަރައި ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން އޮތީ ވެރިވެފަ އެވެ.

މި ހާލަތުގައި އަވްދިވްކާގެ ރައްޔިތުންގެ ޝަކުވާތައް ގިނަ އެވެ. ހަނގުރާމައަކުން އެމީހުންނަށް ލިބެންވާ ސަލާމަތްތެރިކަން ކަށަވަރުވެފައި ނުވާއިރު ސަރުކާރުން މިކަމުގައި ގެންގުޅެނީ ދޯހަޅި ސިޔާސަތު ތަކެއް ކަމަށް އެނާ ބުންޏެވެ.

"ސަރުކާރަށް ރަޝިއާއާއެކު މަޝްވަރާ ނުކުރެވެންވީ ސަބަބެއް ނޭނގޭ،" އޭނާ ބުންޏެވެ.

ހަނގުރާމައިގެ ބިރު ބޮޑުވެފައިވާއިރު އެނާގެ އަވަށުގައި ދިރިއުޅޭ ގިނަ ބަޔަކު މިހާރު ވެސް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަ ކޮށްފަ އެވެ. ހާލަތު ގޯސްވެއްޖެ ނަމަ އެނާއާއި އޭނާގެ އާއިލާ ވެސް އެ ސަރަހައްދު ދޫކޮށް ދާން ތައްޔާރަށް ތިބި ކަމަށް އެނާ ބުންޏެވެ.

"ފޮށި ތަންމަތި ބަނދެގެން ތައްޔާރަށް. ހާލަތު ގޯސްވެއްޖެ ނަމަ މިތަން ދޫކޮށް ދާން،" އެނާ ބުންޏެވެ.

އޭގެ އިތުރުން ޔޫކްރެއިންގެ ރައްޔިތުން ދަނީ އަސާސީ އަސްކަރީ ހުނަރުތަކާއި ފަސްޓް އެއިޑްގެ ތަމްރީނުތައް ވެސް ހަދައި ހަނގުރާމައިގެ ހާލަތަކަށް ތައްޔާރު ވަމުންނެވެ. -- ދަ ސްޓްރެއިޓް ޓައިމްސް