އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް މިމަހުގެ 16 ވަނަ ދުވަހު ފަށަން ނިންމައި އެކަމަށް 21 ގަޑިއިރު ހޭދަކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް 34.79 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

މިނިސްޓަރުގެ ބަޖެޓް ސްޕީޗަށް ފަހު މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ބަޖެޓު ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ އެއްކޮށްލައިގެން އުފައްދާ ބަޖެޓް ކޮމިޓީއަށް މިއަދު ބަޖެޓް ފޮނުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބަޖެޓްގެ ބަހުސް ފެށޭނީ 16 ވަނަ ދުވަހު. އަޅުގަނޑު ދެކޭގޮތުގައި ބަޖެޓުގެ ބަހުސްގައި އިއްޒަތްތެރި މެމްބަރުން 21 ގަޑިއިރު ހޭދަކުރައްވާނެ. އެހެންނަމަވެސް މެމްބަރުން ބަޖެޓުގެ ބަހުސްގައި ހޭދަކުރައްވާނެ ވަގުތު ކަނޑައަޅުއްވައި ދެއްވާނީ އާންމު ކޮމިޓީއިން." ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓު ބަހުސް ކުރިއަށް ދަނީ މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ކަމަށެވެ. އެ ތިން ދުވަހުގެ ރެޔާއި ދުވާލު ބަހުސް ކުރިއަށް ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބަޖެޓު ކޮމިޓީއިން ބަޖެޓް ދިރާސާ ކުރުމަށް ފަހު މިމަހުގެ 19 ވަނަ ދުވަހު ބަޖެޓު ތަޅުމާ ހަމައަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކޮމިޓީ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފަހު ދުވަހަކީ މިމަހުގެ 22 ވަނަ ދުވަސް ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ފަށާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި އެކަމަށް 10 ވަަރަކަށް ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބަޖެޓަށް ވޯޓަށް އެހޭނެ ކަމަށް ލަފާކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އެދުވަހު ވެސް މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށެވެ.